އަލްއުސްތާޛް މުޙައްމަދު އަނިލް

އަލްއުސްތާޛް މުޙައްމަދު އަނިލް

ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް، މަޤާމާ ޙަވާލުވެވަޑައިގަތީ 21 ނޮވެންބަރ 2013 ގައެވެ.

މުޙައްމަދު އަނިލް، ދައުލަތަށް ޚިދުމަތްކުރައްވަން ފައްޓަވާފައިވަނީ 1997 ވަނަ އަހަރު، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ލީގަލް އޮފިސަރ (ޓްރެއިނީ) އެއްގެ ގޮތުގައެވެ. އަދި އެއަށްފަހު، އެ މަނިކުފާނު ވަނީ މަސައްކަތުގެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއް ހާޞިލްކުރުމާއެކު ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ލީގަލް ރިފޯމްގައި ކޮމިޝަނަރ އޮފް ލީގަލް ރިފޯމްގެ އިތުރުން، 2007 ވަނަ އަހަރުގެ ރައްޔިތުންގެ ޚާއްޞަ

މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިއިރު، ސަރުކާރުގެ ގިނަ ކޮމިޓީތަކުގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާއިން ފާހަގަކުރެވޭ ވަކީލުންގެ ތެރެއިން އަދި ޤާނޫނީ މާހިރުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އަދި ސަރުކާރުގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެެއްވެސްމެއެވެ. އެގޮތުން އެ މަނިކުފާނު ވަނީ 2008 ވަނަ އަހަރުން ފެށިގެން، އެކްސިސް ޗެމްބަރސް އޮފް މޯލްޑިވްސްގައި ޕާޓްނަރ އަދި 2011 އިން ފެށިގެން ނަޝީދު، އަނިލް އެންޑް ކޯ ގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މުޙައްމަދު އަނިލް އަކީ، އިންސާނީ ޙައްޤުތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ރާއްޖޭގެ ދިމިޤްރާތީ އުޞޫލުތައް ހަރުދަނާކުރުމުގެ ގޮތުން އަޑުއުފުލައްވައި، މިކަންކަމުގައި އަމިއްލަ ހައިސިއްޔަތުން ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާނު ވަނީ، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސްގެ މެންބަރުކަމާއި ލޯ ސޮސައިޓީ އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް މެންބަރުކަން ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު ސިޔާސީ ގޮތުން ހޭލުންތެރިކޮށް، މުޖުތަމައުގައި ހަމަޖެހުން ޤާއިމްކުރުމަށް ރާއްޖޭގައި ތިއްބެވި ތަޢުލީމީ ގިނަ ބޭފުޅުންތަކެއްގެ އިސްނެންގެވުމުގެ މަތިން ‘ޕެނަލް ފޯ ނޭޝަނަލް ހާމަނީ’ ގެ މެންބަރެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.

މުޙައްމަދު އަނިލް، ޤާނޫނީ ދާއިރާ އިން ބެޗަލަރ އޮފް ލޯސް (ހޮނަރސް) ޙާޞިލްކުރައްވާފައިވަނީ 2004 ވަނަ އަހަރު ލަންޑަންގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރިސީ އިންނެވެ. އަދި މާސްޓަރސް ޑިގްރީ ނިންމަވާފައިވަނީ 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީގެ އޮފް އެސެކްސް ގައެވެ.