އެޓަރނީ ޖެނެރަލްގެ ނޫސް ބަޔާން ޤާނޫނީ ވަކީލުންގެ ރައްކާތެރިކަމާ ގުޅޭ

 

މި ހިނގާ މަހުގެ 4 ވީ ހުކުރުދުވަހު ހަވީރު ޤާނޫނީ ވަކީލެއް ކަމުގައިވާ އަލްއުސްތާޛު މަހްފޫޒު ސަޢީދަށް ވަރަށް އަނިޔާވެރިގޮތަކަށް ޙަމަލާދީ ޒަޚަމްކޮށްލާފައިވާ ޢަމަލު އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އޭނާ ޒަޚަމްކޮށްލާފައިވަނީ، ވަރަށް ރަޙުމުކުޑަ ގޮތަކަށެވެ. އަދި މި ޢަމަލު އަޅުގަނޑު ސިފަކުރަނީ އިންސާނިއްޔަތުކަމެއް ނެތް ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައެވެ.

މި ޙަމަލާގެ ޙާދިސާ ވީ އެންމެ ހަލުވި މިނެއްގައި ތަޙްޤީޤުކޮށް ނިންމައި، އެކަމުގައި ޒިންމާވާ ނުވަތަ ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅުއްވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަޅުގަނޑު ގޮވާލަމެވެ.

ޤާނޫނީ ވަކީލުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤައުމުގެ ސިޔާދަތާއި، ހަމަޖެހުން ނެގެހެއްޓުމުގެ މަސައްކަތުގެ މުގުލުގައި ޙަރަކާތްތެރިވާ ފަންނުވެރީންނެވެ. ޤާނޫނީ ވަކީލުން އަދާކުރަމުން އަންނަ މަސައްކަތަކީ ކޮންމެ ޤައުމެއްގައިމެ އެ ޤައުމެއްގެ ދީމިޤްރާޠީ ނިޒާމު އަދި ޤާނޫނުގެ ޙުކޫމަތު ރައްކާތެރިކޮށް ހަރުދަނާކުރުމަށް ކެނޑިނޭޅި އެފަރާތްތަކުން އަދާކުރަމުން އަންނަ ޗަންދާއެވެ.

މިފަދަ އަނިޔާވެރި ޢަމަލެއްގެ ޝިކާރައަކަށް ޤާނޫނީ ވަކީލަކު ވެފައިވާކަމީ، އަޅުގަނޑު އެކަމާ ހިތާމަކުރާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ޤާނޫނީ ވަކީލުކަމުގެ ޚިދުމަތަށާއި، އަދި އެ ދާއިރާއެއްގެ މުހިންމު ބައެއްކަމުގައި ޤާނޫނީ ވަކީލުން ވެފައިވާ ޝާރުޢީ ދާއިރާގެ ތަރައްޤީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމެއްކަމަށް ދެކެމެވެ.

ޝަރުޢީ ކޯޓުތަކާއި ޤާނޫނީ ވަކީލުން ހިމެނޭގޮތުން، ރާއްޖޭގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީވެސް، ރާއްޖޭގެ ކުށްކުރުމުގެ މިހާރުގެ މާޙައުލުގައި ވަރަށް ނުރައްކާތެރި ވެއްޓެއްގައި ޚިދުމަތްކުރާ ޚިދުމަތްތެރިންކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންޖެހޭ ކަންކަން މިހާރަށްވުރެ ހަލުވިކޮށް ކުރިޔަށް ގެންދިޔުމަށް ބޭނުންވެފައިވާކަން ފާހަގަކޮށް، އެކަމުގައި މި އޮފީހުގެ ދައުރު އަދާކުރުމަށް ފަސްނުޖެހޭނެކަން މި ފުރުޞަތުގައި ހާމަކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ އަލްއުސްތާޛް މަހްފޫޒް ސަޢީދަށް އަވަސް ޝިފާއެއް މާތް ﷲ މިންވަރުކުރައްވައި، އޭނާގެ ޢާއިލާއަށް ހެޔޮ ރަޙްމަތް މިންވަރުކުރެއްވުމެވެ.

 

pdf

Download
 

08 ސެޕްޓެންބަރު 2015

މުހިންމު:

މި ބަޔާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެސިސްޓަންޓް އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިސްމާޢީލް ވިޝާމް (7777824 މޯބައިލް ނަންބަރު) އާ ގުޅުއްވުން އެދެމެވެ.