އަބުރު ރައްކާތެރިކުރުމާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން

 

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމުން، އެ ބިލަށްވަނީ ޤާނޫނީ
ބާރު ލިބިފައެވެ.
މިފަދަ ޤާނޫނެއް އެކުލަވައިލެވުނީ، މިއަދު ރާއްޖޭގައި ކަން ހުރިގޮތުން ކޮންމެހެން ބޭނުންކަމަކަށް ވާތީއެވެ.
އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން، ދުލާއި ގަލަމުން، އަދި މި ނޫންވެސް ގޮތްގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރައްޔިތުންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޙައްޤަކަށްވެފައި،  އަދި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަން ކުރުމާއި ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފާޅުކުރުމާއި ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިދީފައިވާ ފަދައިން، އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކަށް ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އަދި މި  ޙައްޤުތަކަކީ އޭގެ ޒާތުގައި އެއް ޙައްޤެއް އަނެއް ޙައްޤާ ތައާރުޒުވުމުގެ ފުރުޞަތު އޮތް، އަދި އެކެއްގެ ޙައްޤު ބޭނުންކުރުމުގައި އަނެކާގެ ޙައްޤު ޙިމާޔަތްކުރުމަށްޓަކައި އިންތައް ކަނޑައެޅެންޖެހޭ ޙައްޤުތަކެކެވެ. ކަންކަން މިހެން ހުރި ނަމަވެސް، މި ޙައްޤުތައް އެކުގައި ބޭނުންކުރެވޭނޭގޮތެއްގެ ޤާނޫނީ އޮނިގަނޑެއް މިހާ ހިސާބަށް ރާއްޖޭގައި ހަމަޖެހިފައެއް ނުވެއެވެ. ވުމާއެކު، 2008 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ފުރިހަމަކުރަންޖެހޭ ރާއްޖޭގެ ޤާނޫނީ އޮނިގަނޑުތައް ފުރިހަމަކުރެވެމުންދާއިރު، މި ދާއިރާއަކީވެސް އެ ދާއިރާއެއްގެ އުޞޫލުތައް ޤާނޫނީ އިމުގެ ތެރެއިން، ހަމަޖެހިގެންދާންވާނެ ދާއިރާއެކެވެ. އެހެނީ ކޮންމެ ފަރުދީ ޙައްޤަކީވެސް އަނެކާގެ ފަރުދީ ޙައްޤާ ހަމައިން އިންތައް ކަނޑައެޅި، އަދި އެ މިންތައް ބަޔާންކުރާ މިންވަރަށް، މުޖުތަމަޢެއްގެ ލާބައާއި ދުޅަހެޔޮކަމަށްޓަކައި ހަނިކުރުމުގެ ފުރުޞަތު ލިބިގެންވާ އަދި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޤާނޫނުތަކުން ހަނިކުރެވިފައިވާ ޙައްޤުތަކެކެވެ.

 

މާތް ވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ބަލާއިރު، އިންސާނާގެ އަބުރާއި ރީތި ނަން ރައްކާތެރިކުރެވިފައި އޮތުމަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު 5 މަޤުޞަދުގެ ތެރޭގައި ހިމެނޭ މުހިންމު މަޤުޞަދެކެވެ.  އަދި އަނެކާގެ އަބުރާބެހުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ.

 

ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ބަލާއިރު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގައި ޙައްޤު ޔަގީންކޮށްދީފައިވާއިރު، ހަމަ އެބީދައިން،  ނަމާއި އަބުރު ރައްކާތެރިކޮށްދިނުމަކީވެސް އިންސާނީ ޙައްޤެއްކަމުގައި ވަނީ އެ މުޢާހަދާތަކުގައި ކަނޑައަޅާފައެވެ. އަދި އެ މުޢާހަދާތަކުން، އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުތައް އެކުލަވައިލުމަކީ، ޤައުމުތަކަށް މަތިކޮށްފައިވާ ޒިންމާއަކަށްވާއިރު، ގިނަ ޤައުމުތަކެއްގައި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުތައް އެކުލަވާފައިވެއެވެ.  މި ޤައުމުތަކުގެ ތެރެއިން، އިންޑިއާ އާއި، އެމެރިކާގެ 17 ސްޓޭޓަކާއި، ވިލާތުގެ އިއްތިޙާދުގެ 28 ޤައުމުގެ ތެރެއިން 23 ޤައުމެއްގައި، އަދި އިސްލާމީ ޤައުމުތަކުގެ ތެރެއިން މެލޭޝިޔާ، އުރުދުން، އަލްޖީރިޔާ، ޤަޠަރު އަދި މިޞްރުގައި އަބުރާބެހުމުގެ އަދަބެއްގެ ގޮތުގައި ޖިނާއީ ފިޔަވަޅު އަޅައެވެ.

މި ދެންނެވި ޤާނޫނީ އުޞޫލުތަކުގެ އަލީގައި މި ދާއިރާއަށް ޤާނޫނީ އޮނިގަނޑެއް ގެންނަންޖެހުނީ، މި ދާއިރާއަށް ޚާއްޞަވެފައިވާ ޤާނޫނީ އޮނިގަނޑެއް ފުރިހަމަވެފައި ނެތުމުން، މި ކަންކަން ރައްދުވާ ފަރާތްތަކުގެ ޙައްޤު ރައްކާތެރިކޮށް، އެކަމަށް އެކަށީގެންވާ ބަދަލެއް ހޯދުމުގެ މަގު ތަނަވަސް ކޮށްދިނުމަކީ، ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމެއްކަމުގައިވާތީއެވެ.

މި ޤާނޫނުން އިންތައް ކަނޑައެޅިފައިވާ ދާއިރާތަކަކީ، އިސްލާމްދީނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ ދާއިރާއާއި، ޤައުމީ ސަލާމަތަށް ގެއްލުންވާނޭ ފަދަ މަޢުލޫމާތު ހާމަކުރުމާއި ޚިޔާލުފާޅުކުރުމުގެ ދާއިރާއާއި، ބަދުއަޚްލާޤީ ޢަމަލުތަކަށް ގޮވާލުން ފަދަ އިޖްތިމާޢީ ގޮތުން ގަބޫލުނުކުރެވޭނޭ ފަދަ ކަންކަމަށް ގޮވާލުމާއި، އަދި އަނެކާގެ އަބުރާބެހުމެވެ.
އަދި އަބުރާބެހުމުގެ ފުރިހަމަ ދިފާޢެއްގެ ގޮތުގައި، އެހެން މީހަކަށް ނިސްބަތްކޮށް ބުނާ ބަހަކީ ތެދު ޙަޤީޤަތެއްކަމުގައި އެ މީހަކަށް ސާބިތުކޮށްދެވިއްޖެނަމަ، މި ޤާނޫނުގެ ދަށުން އެމީހަކަށް އެއްވެސް ޒިންމާއެއް އުފުލަންނުޖެހޭކަމާއި، އަދި ވަކި މީހަކަށް ނިސްބަތްނުކުރާހާ ހިނދަކު، ދައުލަތުގެ ކޮންމެ މުއައްސަސާއަކާ މުޚާޠަބުކޮށް، އެ މުއައްސަސާގެ މަސައްކަތާއި ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ވުމާއެކު ސަރުކާރުގެ މަސައްކަތަށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހުރި މައްސަލަތަކާބެހޭގޮތުން ފާޑުކިޔުމަށް މި ޤާނޫނުން ހުރަހެއް ނާޅައެވެ.

 

މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅަކީ، ޖޫރިމަނާކުރުން ކަމާއި، އަދި ޖޫރިމަނާކުރުމުގެ އުޞޫލުތައް އެކުލަވައިލެވޭނީ އެ ކަމެއްގެ ކުޑަބޮޑުމިނުގެ ނިސްބަތަށް ބަލައި، ޤާނޫނުގައިވާ އަދަދުތަކުގެ ތެރެއިން ކަމަށްވާއިރު، ޖޫރިމަނާ އަދާކޮށްފި ހާލަތެއްގައި، އެ ފަރާތަކާ ދޭތެރޭ މި ޤާނޫނުގެ ދަށުން، އެހެން ފިޔަވަޅެއް އެޅުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިދީފައިނުވެއެވެ.

ދީމިޤްރާޠީ ނިޒާމެއްގައި ކޮންމެ ބާރަކީވެސް ޖަވާބުދާރީކުރުވޭނޭ ބާރެކެވެ. އަދި ޗެކް އެންޑް ބެލެންސްގެ ހަމަތަކާއެއްގޮތްވާގޮތުގެ މަތިން ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ރެގިޔުލެޓްކުރެވޭނޭ ބާރެކެވެ. ވުމާއެކު، ދައުލަތުގެ ޤާނޫނީ އޮނިގަނޑު ފުރިހަމަވެގެންދާއިރު، މިއިން ކޮންމެ ދާއިރާއަކަށްވެސް، ދައުލަތް ހިންގުމަށާއި ރައްޔިތުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ގެންނަންޖެހޭ ހިފެހެއްޓުންތަކާއި ޖަވާބުދާރީ ކުރުވުންތައް ގެނައުމަކީ، ތަރައްޤީގެ މަގުގައި ރާއްޖެ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރަމުންދާއިރު، ކޮންމެހެން އެޅެންޖެހޭނޭ ފިޔަވަޅުތަކެކެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން، ތަޢާރަފު ކުރާ މިންގަނޑުތަކާއި އިންތަކަކީ ދިވެހި ހުރިހާ ރައްޔިތުންވެސް ހެޔޮގޮތުގައި ބޭނުންކުރާނެ މިންތަކަކަށްވުމަކީ މުޖުތަމަޢުގެ ލާބައާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމުކަމެކެވެ. ދިވެހިންނަކީ ކޮންމެ ދިވެއްސަކަށް ލިބިފައިވާ ޙައްޤުތަކުގެ ބޭނުން ހިފުމުގައި އަނެކާގެ ޙައްޤަށް ރައްކާތެރިވާ، އަނެކާގެ ދިރިއުޅުމަށް އިޙްތިރާމުކުރާ ބައެއްކަމުގައި ވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ހަމަ ޔަގީނުންވެސް އެޅޭނޭ ހެޔޮ ފިޔަވަޅެކެވެ.

____________________