ދިވެހި ސަރުކާރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖީ.އެމް.އާރއާ ދެކޮޅަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރޭ ނޫސް ބަޔާން

  1. އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، ހިންގުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ޖީ.އެމް.އާރ–އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާ ދެމެދު 28 ޖޫން 2010 ގައި ސޮއި ކުރެވުނު އެއްބަސްވުން ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުން އުވާލައި، ޖީ.އެމް.އާރ–އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމް އަދި ޖީ.އެމް.އައި.އޭ.އެލް (މީގެ ފަހުން “ޖީ.އެމް.އާރ” ކަމުގައި ބަޔާންކޮށްފައިވާ ފަރާތް) އާ ދެކޮޅަށް ކުރިއަށް ގެންދިޔަ އާބިޓްރޭޝަންގެ ފައިނަލް އެވޯޑް 25 އޮކްޓޯބަރ 2016 ގައި ވަނީ ކަނޑައަޅާފައެވެ. އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމާފައިވަނީ USD 208,000,000 (ދުއިސައްތަ އަށް މިލިއަން އެމެރިކާ ޑޮލަރު) އާއި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަރާފައިވާ އިންޓަރެސްޓް ޖީ.އެމް.އާރއަށް ބަދަލުގެ ގޮތުގައި ދެއްކުމަށެވެ. އެހެންކަމުން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަރާފައިވާ އިންޓަރެސްޓް ހިމެނޭ ގޮތަށް ގާތްގަނޑަކަށް ޖުމްލަ USD 250,000,000  (ދުއިސައްތަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރު) ޖީ.އެމް.އާރއަށް ބަދަލުގެ ގޮތުގައި ދައްކަންޖެހޭނެކަމަށް އަންދާޒާކުރެވެއެވެ.
  1. ޖީ.އެމް.އާރާއެކު ވެފައިވާ ކޮންސެޝަން އެއްބަސްވުން 27 ނޮވެމްބަރ 2012 ގައި ބާޠިލުކުރުމުގެ ކުރިން އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ޤާނޫނީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ކުރި އޯޑިޓުން ފާހަގަވެފައިވަނީ، އެ އެއްބަސްވުމަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ޖީ.އެމް.އާރއަށް ބުރަވާ ގޮތަށް އަދި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ޙައްޤުތަކާއި މަޞްލަޙަތުތަކަށް އިންތިހާއަށް ގެއްލުންވާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމެވެ.
  1. އެހެންކަމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަޝްރަޙަށާއި މަސްލަހަތަށް ރިޢާޔަތްކުރައްވައި 27 ނޮވެމްބަރ 2012 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަދި އޭރުގެ ކެބިނެޓުން، ސަރުކާރާއި އެމް.އޭ.ސީ.އެލްއާއި ޖީ.އެމް.އާރއާ ދެމެދު ސޮއިކޮށްފައިވާ ކޮންސެޝަން އެގްރީމަންޓް އުވާލުމަށް ނިންމެވިއެވެ.
  1. މި ނިންމެވުމާ ގުޅިގެން 29 ނޮވެމްބަރ 2012 ގައި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުންވަނީ ކޮންސެޝަން އެގްރީމަންޓަކީ ބާޠިލު އެގްރީމަންޓެއްކަމަށް ކަނޑައެޅުމަށްޓަކައި ޖީ.އެމް.އާރއާ ދެކޮޅަށް ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރއަށް އާބިޓްރޭޝަންއަށް ހުށަހަޅާފައެވެ. ޖީ.އެމް.އާރގެ ފަރާތުން ވަނީ މި މައްސަލައިގައި ރައްދު ހުށަހެޅުމެއްގެ ގޮތުގައި ކޮންސެޝަން އެގްރީމަންޓް ބާޠިލުކުރުމުގެ ސަބަބުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު، ގެއްލިފައިވާ ފައިދާ ހިމެނޭގޮތުން ހޯދުމަށް އެދިފައެވެ.
  1. މި އާބިޓްރޭޝަންގެ ޓްރައިބިއުނަލްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ލޯޑް ލިއޮނާޑް ހޮފްމަން (މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި މެންބަރު)، ޕްރޮފެސަރ ސޯނަރާޖާ އަދި ލޯޑް ފިލިޕްސްއެވެ.
  1. 18 ޖޫން 2014 ގައި ޓްރައިބިއުނަލްގެ ފުރަތަމަ ޕާޓް ފައިނަލް އެވޯޑް ކަނޑައެޅިއެވެ. މި އެވޯޑްގެ ތެރޭގައި ގޮތެއް ކަނޑައެޅިގެން ދިޔަ ކަންތައްތަކުގެ ތެރޭގައި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުން ކޮންސެޝަން އެގްރީމަންޓް ބާޠިލުކޮށްފައިވާތީ ޖީ.އެމް.އާރއަށް ބަދަލު ދައްކަންޖެހޭނެކަމަށް ނިންމުނެވެ. އެހެންނަމަވެސް، ޖީ.އެމް.އާރުއަށް ބަދަލުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ޖީ.އެމް.އާރގެ ފަރާތުން އެއަރޕޯޓް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދަށް ގައިދުކުރެވިގެން ދިޔައެެވެ. މިފަދައިން ނިންމި ސަބަބަކީ، މިސަރުކާރުން ވަކާލާތު ކުރި ގޮތަށް، ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުން ކޮންސެޝަން އެގްރީމަންޓް ބާޠިލުކުރެވުނު ޙަލާތަށް ރިޢާޔަތްކުރާއިރު، އެއީ ޤައުމުގެ ޢާންމު މަޞްލަޙަތު ރައްކާތެރި ކުރުމުގެ ގޮތުން ނިންމަންޖެހުނު ނިންމުމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅިއެވެ.
  1. 25 އޮކްޓޯބަރ 2016 ގައި ޓްރައިބިއުނަލްއިން ނެރުނު އެވޯޑުގައި، ޖީ.އެމް.އާރއަށް ދައްކަންޖެހޭނެ ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވާ 250 (ދުއިސައްތަ ފަންސާސް) މިލިއަން އެމެރިކާ ޑޮލަރަކީ، ޖީ.އެމް.އާރއިން ހޯދުމަށް އެދި ހުށަހެޅި 1.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ވަރަށްވެސް ބޮޑުތަން ކުޑަ ޢަދަދެއްކަން ފާހަގަކުރަމެވެ. މިއީ ޖީ.އެމް.އާރއިން ހޯދުމަށް ހުުށަހެޅި ޢަދަދުގެ ގާތްގަނޑަކަށް 18% އާ އެއްވަރު ޢަދަދެއްކަން ފާހަގަކުރަމެވެ.
  1. އަދި މި ޢަދަދަކީ، ޖީ.އެމް.އާރާއެކު ކުރެވުނު އެއްބަސްވުން އުވާލުމާ ގުޅިގެން ދިވެހިރާއްޖެއިން ބަދަލުގެ ގޮތުގައި އެފަރާތަށް ދައްކަންޖެހޭނެކަމަށް، އޭޕްރީލް 2014 ގައި މީޑިއާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް އަންދާޒާކުރައްވާފައިވާ ތިން ސަތޭކަ މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ނުވާނެކަމަށް ވިދާޅުވެފައިވާ ޢަދަދާ ގާތްކުރާ މިންވަރެއްކަން ފާހަގަކުރަމެވެ.
  1. އަދިއެހެންމެ، މިއީ އިދިކޮޅު ސިޔާސީ އިސް ފަރާތްތަކުން، ބަދަލުގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް އޭރު ބުނަމުން އައި މިންވަރާ މުޅިން އިދިކޮޅު ޢަދަދެކެވެ. އެފަރާތްތަކުން އޭރު ބުނަމުން އައީ ޖީ.އެމް.އާރއަށް ބަދަލުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު 800 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަދުނުވާނެކަމަށެވެ.
  1. 7 ޑިސެމްބަރ 2012 ގައި ޖީ.އެމް.އާރއިން އެއަރޕޯޓް ހިންގުން އެމް.އޭ.ސީ.އެލްއާ އަލުން ހަވާލުކުރިފަހުން އެމް.އޭ.ސީ.އެލްގެ ފަރާތުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމަށް މުޙިއްމު އިންފްރާސްޓްރަކްޗަރަލް ބޮޑެތި މަޝްރޫއުތަކެއް ފަށާފައެވެ. އަދި އެމް.އޭ.ސީ.އެލްގެ ފަރާތުން ވަނީ އެއަރޕޯޓް ހިންގުން ހަރުދަނާކޮށް އެއަރޕޯޓް ހިންގައިގެން ލިބޭ މަންފާއާއި ފައިދާ އެތައް ގުނައެއް އިތުރުކޮށްފައެވެ.
  1. މި އެވޯޑާ ގުޅިގެން ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ފަރާތުން މި ފައިސާ ޖީ.އެމް.އާރއަށް ދެއްކުމަށްޓަކައި، ޖީ.އެމް.އާރއާއެކު މަޝްވަރާތައް މިހާރުވަނީ ފަށާފައެވެ.

­­­­­­­­­­­­­_____________________

27 އޮކްޓޫބަރު 2016