ޚަބަރު

 

އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ރިސޯސް ސެންޓަރގެ ލެކްޗަރ ސީރީޒްގައި ބައިވެރިވެވަޑައިގެންނެވުން

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ކަމާބެހޭ މުއައްސަސާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހާ އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވައިލައިފައިވާ ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ރިސޯސް ސެންޓަރގެ ލެކްޗަރ ސީރީޒްގައި ބައިވެރިވެވަޑައިގެން، އިންސާނީ ޙައްޤުތަކާބެހޭގޮތުން ޚާއްޞަ ލެކްޗަރއެއް ދެއްވައިފިއެވެ.

25 އޮކްޓޫބަރު 2017 ވީ ބުދަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި، ބޭއްވުނު މި ޚާއްޞަ ލެކްޗަރ މައިގަނޑުގޮތެއްގައި އަމާޒުކުރެވިފައިވަނީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އިންސާނީ ޙައްޤުތައް ކަށަވަރުކުރެވިގެންދާ ގޮތުގެ މައްޗަށާއި ޢަދުލު އިންސާފު ޤާއިމްކުރުމުގައި އިންސާނީ ޙައްޤުތަކުގެ މުހިންމު ކަމުގެ މައްޗަށެވެ.

މި ލެކްޗަރގައި ބައިވެރިވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ބޭފުޅުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އ.ދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ކަމާބެހޭ ބޭފުޅުންނާއި ދައުލަތުގެ ޤާނޫނީ ވަކީލުންނާއި، ޕްރޮސިކިއުޓަރުންނާއި ،މިނިވަން މުއައްސަސާތަކާއި ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޤާނޫނީ ރޮނގުން ކިޔަވަމުންދާ ދަރިވަރުންނެވެ. މިއީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރއިން އިސްނަގައިގެން ކުރިއަށްގެންދެވުނު މިފަދަ ފުރަތަމަ ލެކްޗަރއެވެ. މި ލެކްޗަރ އިންތިޒާމުކުރެވިފައިވަނީ، އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައިވެރިވުމާއެކުއެވެ.

މިސްޓަރ ނިކް ސްޓަނާޖަކީ، އިނގިރޭސިވިލާތުގެ ޑޯޓީ ސްޓްރީޓް ޗެމްބަރސްގައި މަސައްކަތްކުރައްވަމުން ގެންދަވާ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމު މުރާޖަޢާކުރުމާއި ތަޙުޤީޤުތައް ހަރުދަނާކުރުމުގެ ދާއިރާއިން ތަމްރީނުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. މި ދާއިރާގައި 13 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މިސްޓަރ ނިކް ސްޓަނާޖް ގެންދަވަނީ އިނގިރޭސިވިލާތުގައި އެސިސްޓަންޓް ކޮރޮނަރއެއްގެ މަޤާމުވެސް ފުރުއްވަމުންނެވެ.

_________________________________

25 އޮކްޓޫބަރު 2017