ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގެވުން.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ކަމާބެހޭ މުއައްސަސާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހާއި އ.ދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވާލާފައިވާ ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގަވަން ފައްޓަވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން އިސްނަންގަވައިގެން އ.ދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީއާއެކު ނޮވެންބަރު 8 އިން 9 އަށް އަދި ނޮވެންބަރު 12 އިން 13 އަށް ދެ ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްޞަ ތަމްރީން ޕްރޮގްރާމްގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖުމްލަ 84 ޕްރޮސިކިއުޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ޤާއިމްކުރެވިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކުގެ ތެރެއިން، ހދ. ގޮތްޕާއި، ލ. ގޮތްޕާއި، ގދ. ގޮފި އަދި އައްޑޫ ގޮފީގައި ޙަރަކާތްތެރިވާ ޕްރޮސިކިއުޓަރުން ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޛުކޮށް ހިންގުމަށްޓަކައި، ބޭނުންވާ މަޢުލޫމާތާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޕްރޮސިކިއުޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާބެހޭގޮތުން މިސްޓަރ ނިކް ސްޓަނާޖް ތައްޔާރުކުރައްވައިފައިވާ “ޓްރެއިނިންގ މެނުއަލް” ވަނީ އިފްތިތާޙްކުރެވިފައެވެ. މީގެ އިތުރުން، އެޑްވޮކަސީއާއި، ހޭބިއަސް ކޯޕަސްގެ އިޖުރާއަތާއި، ހެކި ހޯދުމާއި ހެކި ރައްކާކުރުމާގުޅޭ މަޢުލޫމާތާއި، ތަޙްޤީޤުގެ މަރުޙަލާ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި، ހެކި ބަސްދޭ ހެކިން ރައްކާތެރިކުރުމާބެހޭގޮތުން ޕްރޮސިކިއުޓަރުންނަށް ބޭނުންތެރިވާނެ ހުނަރާއި މަޢުލޫމާތު މި ތަމްރީން ޕްރޮގްރާމްގައި ޙިއްޞާކުރެވިގެންދާނެއެވެ.

 _____________________

8 ނޮވެންބަރު 2017