ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން، ކަމާބެހޭ މުއައްސަސާތަކަށް ޚާއްޞަ ތަމްރީންތައް ހިންގައި، ފުރިހަމަކުރުން.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ކަމާބެހޭ މުއައްސަސާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހާއި އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވާލާފައިވާ ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަރަކާތްތައް ފުރިހަމަކުރައްވައި، ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމަވާލައްވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ  އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން އިސްނަންގަވައިގެން، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީއާއެކު، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ޙަރަކާތްތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޛުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި، އެ މުއައްސަސާތަކަށް ފަންނީ އެހީތެރިކަމާއި ލަފާ ބޭނުންވާ ދާއިރާތައް ދެނެގަނެ، ކަމާބެހޭ މަޢުލޫމާތު ބަދަލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޙަރަކާތްތަކެކެވެ.

އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، އެންޓި- ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަންގެ އިސްވެރިންނާއެކު، ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް ނިކް ސްޓަނާޖް ބައްދަލުކުރައްވައި، ފަންނީ މަޢުލޫމާތު ބަދަލުކުރުމުގެ ކޮންސަލްޓޭޓިވް މީޓިންގތަކެއް ކުރިއަށް ގެންދަވައި، އެ މުއައްސަސާތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމުތަކެއްވެސް ވަނީ ހިންގަވާފައެވެ.

މި ހިނގާ ނޮވެންބަރު މަހުގެ 6 އިން 15 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ޚާއްޞަ ތަމްރީން ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 30 ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ  އޮފީހުގެ  84 ޕްރޮސިކިއުޓަރުންނާއި، އެކި އެކި މުއައްސަސާތަކުގެ ފަރާތުން ޖުމްލަ 30 ބޭފުޅުން ބައިވެރިވެވަޑައިގެން، ތަމްރީން ޕްރޮގްރާމް ފުރިހަމަކުރައްވާފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފުލުހުންނާއި، ޕްރޮސިކިއުޓަރުންނާއި އެކިއެކި މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، މިސްޓަރ ނިކް ސްޓަނާޖް ތައްޔާރުކުރައްވާފައިވާ “ސްޕެޝަލައިޒްޑް ޓްރެއިނިންގ މެނުއަލް” އިފްތިތާޙްކުރެވިފައިވާއިރު، ހައްޔަރުކުރުމާއި، ހައްޔަރުކުރެވޭ ފަރާތްތަކާ ސުވާލުކުރުމާއި ޤާނޫނީ އިންޒާރު ދިނުމާއި، ހެކި ހޯދުމާއި މިނޫންވެސް ތަޙްޤީޤުގެ މަރުޙަލާގައި ފުލުހުންނަށް ބޭނުންތެރިވާނެ ހުނަރާއި މަޢުލޫމާތުގެ އިތުރުން، އެޑްވޮކަސީއާއި، ހޭބިއަސް ކޯޕަސްގެ އިޖުރާއަތާއި ހެކި ރައްކާކުރުމާގުޅޭ މަޢުލޫމާތާއި ތަޙްޤީޤުގެ މަރުޙަލާ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި، ހެކިބަސް ދޭ ހެކިން ރައްކާތެރިކުރުމާބެހޭގޮތުން ޕްރޮސިކިއުޓަރުންނަށް ބޭނުންތެރިވާނެ ހުނަރާއި މަޢުލޫމާތާއި، އެކި މުއައްސަސާތައް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށްގެންދިޔުމާބެހޭގޮތުން މަޢުލޫމާތު ވަނީ ޙިއްޞާކުރެވިފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި އެކުލަވާލެވިފައިވާ ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ ޙަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވިފައިވާއިރު، މި މަސައްކަތުގައި އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރާއެކު ބައިވެރިވެޑައިގެން، އެހީތެރިވެދެއްވި އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ދިވެހިސަރުކާރުގެ ނަމުގައްޔާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަމުގައި، ޝުކުރު ދަންނަވަމެއެވެ.

______________________

20 ނޮވެންބަރު 2017