ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް، ދިވެހި ފުލުހުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގެވުން.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ކަމާބެހޭ މުއައްސަސާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހާއި އ.ދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވާލާފައިވާ ރޯލް އައުޓް ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓް މިސްޓަރ ނިކް ސްޓަނާޖް ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ ގޮތުން ދިވެހި ފުލުހުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ފަށްޓަވައިގެން ކުރިއަށް އެބަ ގެންދަވައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން އިސްނަގައިގެން އ.ދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީއާއެކު، ނޮވެންބަރު 6 އިން 7 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްޞަ ތަމްރީން ޕްރޮގްރާމްގައި، މޯލްޑިވްސް ޕޮލިސް ސަރިވސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރުންނާއި، ސްޓޭޝަން އިންސްޕެކްޓަރުންނާއި، ސްޓާފް ސަރޖަންޓް އަދި ސަރޖަންޓް ރޭންކުގެ ފުލުހުން ހިމެނޭގޮތުން 30 ފުލުހެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެންމެ އެކަށީގެންވާގޮތެއްގައި ތަންފީޛުކޮށް ހިންގުމަށްޓަކައި، ބޭނުންވާ މަޢުލޫމާތާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މިސްޓަރ ނިކް ސްޓަނާޖް ތައްޔާރުކުރައްވާފައިވާ “ޓްރެއިނިންގ މެނުއަލް” ވަނީ އިފްތިތާޙްކުރެވިފައެވެ. މީގެ އިތުރުން، ހައްޔަރުކުރުމާއި، ހައްޔަރުކުރެވޭ ފަރާތްތަކާ ސުވާލުކުރުމާއި ޤާނޫނީ އިންޒާރު ދިނުމާއި، ހެކި ހޯދުމާއި މިނޫންވެސް ތަޙްޤީޤުގެ މަރުޙަލާގައި ފުލުހުންނަށް ބޭނުންތެރިވާނެ ހުނަރާއި މަޢުލޫމާތު މި ތަމްރީން ޕްރޮގްރާމްގައި ޙިއްޞާކުރެވިގެންދާނެއެވެ.

_________________________________

06 ނޮވެންބަރު 2017