ޚަބަރު

 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީނުކުރުމުގެ ގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ އާ ގުޅިގެން، ކަމާބެހޭ ފަރާތްތައް ތަމްރީނުކުރުމަށްޓަކައި ބާއްވާ ދެވަނަ ޓްރެއިނިންގ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނަށެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވީ ޝަރަފުވެރި މެހުމާނު އަލްއުސްތާޛު މުޙައްމަދު އަނިލްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހީމް ޝަރީފް މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޖިނާއީ އިޖުރާއަތުގެ މި ޤާނޫނު ތަންފީޛު ކުރުމުގައި، ޖިނާއީ ކުށްކުށަށް ދަޢުވާކުރުމަށް ހުށަހެޅުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޖިނާއީ ތަޙްޤީޤުތައް ހިންގަވާ މިނިވަން މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ ތަޙްޤީޤުތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޝްވަރާއާއި ލަފާފުޅު ހޯއްދަވައިގެން ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް މާރިޗު މަހުގެތެރޭގައި ދިފާއީ ވަކީލުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޤަޞްދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2 މެއި 2016 ގައި ތަޞްދީޤުކުރައްވާފައިވާއިރު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2017 އިން ފެށިގެންނެވެ. މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގެ އިތުރުންވެސް، ކަމާބެހޭ ދާއިރާތަކަށް އަމާޒުކޮށްގެން އިތުރު ސިލްސިލާ ޕްރޮގްރާމްތަކެއް، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

                               

15 ފެބުރުވަރީ 2017