ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީނުކުރުމުގެ ގޮތުން ފެށި ދެވަނަ ޓްރެއިނިންގ ޕްރޮގްރާމްގެ ނިންމުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީނުކުރުމުގެ ގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ އާ ގުޅިގެން، ކަމާބެހޭ ފަރާތްތައް ތަމްރީނުކުރުމަށްޓަކައި ޓްރެއިނިންގ ޕްރޮގްރާމެއް 2017 ފެބުރުވަރީ 15 ގައި ވަނީ ފަށާފަ އެވެ. ތިންދުވަހުގެ މުއްދަތަށް ބަހާލައިގެން ހިންގި މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނަށެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ތަމްރީނުގެ ބައިވެރިންނަށް ސެޓްފިކެޓް އަރުވާފައިވެއެވެ. މި ތަމްރީނުގައި ތަމްރީނުވެފައިވަނީ ޖުމްލަ 27 ބޭފުޅުންނެވެ.
ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2 މެއި 2016 ގައި ތަޞްދީޤުކުރައްވާފައިވާއިރު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2017 އިން ފެށިގެންނެވެ. މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި މިހާތަނަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ އިތުރުންވެސް، ކަމާބެހޭ ދާއިރާތަކަށް އަމާޒުކޮށްގެން އިތުރު ސިލްސިލާ ޕްރޮގްރާމްތަކެއް، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

18 ފެބުރުވަރީ 2017