ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީނުކުރުމުގެ ގޮތުން ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީނުކުރުމުގެ ގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ އާ ގުޅިގެން، ކަމާބެހޭ ފަރާތްތައް ތަމްރީނުކުރުމަށްޓަކައި ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށެވެ.

މި ތަމްރީން ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޤާނޫނަށް ތަމްރީނުކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޓްރެއިނިންގ މެނުއަލްވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ނެރުއްވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި، ތަމްރީން ޕްރޮގްރާމްގެ ފެސިލިޓޭޓަރުންނާއި، ޓްރެއިނިންގ މެނުއަލް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނަށް ހަނދާނީ ލިޔުންވެސް އަރުވާފައިވެއެވެ.

މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޑްރާފްޓްކުރެވިގެން އައި ގޮތާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާތުން ބަލާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނެއް އޮންނަންވީ ސަބަބުތަކަށް އަލިއަޅުއްވާލެއްވިއެވެ.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2 މެއި 2016 ގައި ތަޞްދީޤުކުރައްވާފައިވާއިރު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2017 އިން ފެށިގެންނެވެ. މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި މިއަދު މި ފެށި ތަމްރީނު ޕްރޮގްރާމުގެ އިތުރުންވެސް، ކަމާބެހޭ ދާއިރާތަކަށް އަމާޒުކޮށްގެން މި މަހުގެ ތެރޭގައި ސިލްސިލާ ޕްރޮގްރާމްތަކެއް، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

12 ފެބުރުވަރީ 2017