ޚަބަރު

 ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ޝަކުވާ ހުށަހެޅުމުގެ އުޞޫލު އާންމުކޮށްފި

ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމާގުޅޭ އުޞޫލު މިއަދު އާންމުކޮށް، އޮފީހުގެ ވެބްސައިޓު (www.agoffice.gov.mv) ގައި ޝާއިޢުކޮށްފިއެވެ. މި އުޞޫލުގެ ބޭނުމަކީ، ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން މަނާކުރާފަދަ ތަފާތުކުރުމެއް ރައްދުވާ ފަރާތްތަކަށް އެފަދަ ޝަކުވާއެއް ހުށަހެޅުމުގައި ޢަމަލުކުރާނެގޮތްތައް ކަނޑައަޅައި،  ހުށަހަޅާ ޝަކުވާތައް ވީހާވެސް ހާމަކަންބޮޑު އަދި މިނިވަން މާހައުލެއްގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޖުރާއާތުތައް އޮފީހުގައި ޤާއިމްކުރުމެވެ.

މި އުޞޫލުގެ ދަށުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށާއި، އޮފީހުގެ މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި މި އުޞޫލުގެ ދަށުން ޝަކުވާ ހުށަހަޅާނީ އުޞޫލުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ complaints@agoffice.gov.mv  އީމެއިލް އެޑްރެހަށެވެ.

ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު)، ރައީސުލްޖުމްހުރިއްޔާ ތަޞްދީޤްކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވަނީ 23 އޮގަސްޓް 2016 ގައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 2017 ފެބްރުވަރީ 23 ގައެވެ. މި ޤާނޫނަކީ ޖެންޑަރ އީކުއަލިޓީ ޤާއިމުކުރުމުގެ ގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރާނެ ސިޔާސަތުތަކާއި، ޖެންޑަރ އީކުއަލިޓީ ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ޤާނޫނެވެ.

 

                                                    

21 މެއި 2017