ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާ ގުޅޭ

 

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އެއް ހަމަކޮށް، ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ކޮންމެހެން ބޭނުންތެރި ޤާނޫނަކަށް ވީހިނދު، 2 މެއި 2016 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވާ މި ޤާނޫނަށް މިއަދުގެ ތާރީޚުގައި ޢަމަލުކުރަން ފަށާކަމީ އަޅުގަނޑުމެން ދިވެހި އެންމެހައި ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އެކި ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކާއި، ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކާ އަދި ޤާނޫނު ތަންފީޛުކުރާ އެކި ފަރާތްތަކަށް ލިބިފައިވާ ބާރުތަކާއި، އެ ބާރުތައް ބޭނުންކުރަންވީ ގޮތް އެންމެ ތަފްޞީލުކޮށް މިހާތަނަށް އެއް ޤާނޫނެއްގައި ލިޔެވި، ބަޔާންކުރެވިފައިވާ ޤާނޫނެވެ. އަދި މިއަދު މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި މަރުޙަލާތަކުގައި ޢަމަލުކުރާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މިގޮތުން، އެކި ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ޖިނާއީ ޢަދުލުގެ ނިޒާމުގައި މިހާތަނަށް ބަލައިގަނެ ޢަމަލުކުރަމުން އައިސްފައިވާ އުޞޫލުތަކުގެ ބަދަލުގައި މިއަދުން ފެށިގެން ޢަމަލުކުރާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ކަމަށްވާތީ، އެ ޤާނޫނަށް ހިޖުރަކުރުމަށާއި އެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި އެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނު ތަންފީޛުކުރުމުގެ ދައުރެއް އަދާކުރާ ހުރިހާ އިދާރާއެއްގެ އުޞޫލުތަކަށާއި މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ އަންގަވާފައެވެ.

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާ އެއްފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، މިހާތަނަށް ދިވެހިރާއްޖޭގައި ފާސްކުރެވުނު ޤާނޫނުތަކުގެ ތެރެއިން އެންމެ ޒަމާނީ ވިސްނުމަކާއެކު ތައްޔާރުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ޤާނޫނެކެވެ. އަދި މި ޤާނޫނަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ފަދައިން، ދިވެހި ސަރުކާރުން ދިގު މުއްދަތަކަށް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން އެކުލަވާލެވުނު ޤާނޫނެއްކަންވެސް ފާހަގަކުރަމެވެ. މި ޤާނޫނު އެކުލަވާލުމުގައި  ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި، މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ލިބުނު 1 އަހަރު ދުވަހުގެ ތެރޭގައި އެ ޤާނޫނަށް އަހުލުވެރިކޮށް ތަމްރީން ދިނުމަށް ދިވެހި ސަރުކާރާއި އ.ދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްއާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީ ތަކެއް ޙާޞިލުކުރެވިފައިވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަމެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި އަދި ޤާނޫނު ތަންފީޛުކުރުމުގެ ދައުރެއް އަދާކުރާ އެހެނިހެން ހުރިހާ އިދާރާއެއް މިހާރު ވާނީ މި ޤާނޫނަށް  ތަމްރީންކުރެވިފައެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އޮފީހުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ދިވެހިސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ. ހަމަމިއާއެކު، މި އޮފީހުން ކުރިއަށް ގެންދިއަ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތަމްރީންކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވި މުއައްސަސާތަކަށާއި، އެ މުއައްސަސާތަކުގެ އަމިއްލަ އިސްނެގުމުގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށަންވާއިރަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކޮށް، އެ މުއައްސަސާތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ދިވެހިސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެތެރޭގައި މަސައްކަތްކުރެވިފައިވާ ޤާނޫނެއްކަމަށް ވާތީ، ކަމާބެހޭ އިދާރާތަކުން މި ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތައް އެކުލަވާލުމުގެ މަސައްކަތް މި އޮފީހުން ކުއިއަށްގެންދާކަން ފާހަގަކުރަމެވެ.

މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި އަދި މިއަދު ޢަމަލުކުރަން ފަށާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވާއިރު، އަޅުގަނޑުމެންގެ އުއްމީދަކީ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ހެެއްކާބެހޭ ބިލުވެސް އަވަހަށް ފާސްވެގެން ދިއުމެވެ.

އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތްލެެއްވުމަށާއި، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތަޢުފީޤު މިންވަރުކުރެއްވުމަށް އެދި ދުޢާކުރަމެވެ.