ނޫސްބަޔާން

ރިޔާސީ އިންތިޚާބާގުޅޭ ކަންކަމުގައި ހަމަހަމަކަމާއެކު ޢަމަލުކުރެއްވުމާގުޅޭ

 

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި އަމާން އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން، އިންތިޚާބާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެންވެސް، ބައެއް މުހިއްމު ފިޔަވަޅުތައް އެޅުއްވުމަށް އެ މުއައްސަސާތަކަށް ބަންޑާރަނައިބު އަންގަވައިފިއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން މިހާތަނަށް ޢާންމުކުރައްވާފައިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަ އުޞޫލަކުން ރިޔާސީ އިންތިޚާބާގުޅޭ ކަންކަމުގައި ޢަމަލުކުރެއްވުމަށާއި، ދައުލަތުގެ ވަޞީލަތްތައް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހަމަހަމަކަމާއެކު އެ ފަރާތްތަކަށް ފޯރުކޮށްދެއްވުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ޕަބްލިކް ސަރވިސް މީޑިއާއަށް ބަންޑާރަނައިބު އެންގެވިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ޕަބްލިކް ސަރވިސް މީޑިއާއަށް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ގާތްވަމުން އަންނައިރު، ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ޢާންމުކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ނަންތައް ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން އިލެކްޝަން ކޮމިޝަނުން ޢާންމުކޮށް އަންގަވައި އިޢުލާންކުރެއްވުމުގެ ކުރިންވެސް، ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ޢާންމުކުރައްވާފައިވާ ފަރާތްތަކަށާއި، އެ ފަރާތްތަކާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައާއި، ކެންޑިޑޭޓުން ތާއީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ދައުލަތުގެ ވަޞީލަތްތަކާއި، ދިވެހިރާއްޖޭގެ ރަށްރަށުގެ މަގުތަކާއި ޢާންމު ތަންތަނާއި، ދައުލަތުގެ ޢިމާރާތްތަކާއި ބިންތައް ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދިނުމުގައާއި، ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ބޭނުންހިފުމަށް އެ ފަރާތްތަކަށް ދޫކުރުމުގައާއި، އެ ކުންފުނީގެ ބްރޯޑްކާސްޓްކުރާ ތަންތަނުން އެއަރ ޓައިމް އެ ފަރާތްތަކަށް ދިނުމުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރެއްވުމަށާއި، މިހާރުން ފެށިގެންވެސް ސިޔާސީ ޕާޓީތަކުން ކުރައްވަމުންގެންދަވާ ކެމްޕޭންގެ ޙަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދެއްވުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއާ ޙަވާލާދެއްވައި ބަންޑާރަނައިބު ވަނީ އަންގަވާފައެވެ.

                                    

11 ޖުލައި 2018