ނޫސްބަޔާން

އެޓަރނީ ޖެނެރަލްގެ އޮފީހަށް ކަނޑައެޅިފައިވާ 12 ވަޢުދުގެ ތެރެއިން 5 ވަޢުދެއް ފުރިހަމަކޮށްފި

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އަންނަނިވި ވަޢުދުތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

  • ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށުން. (ވަޢުދު ފުރިހަމަ ކުރުމަށް: 7 ދުވަސް)
  • ދިވެހި ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުޞޫލެއް ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން. (ވަޢުދު ފުރިހަމަ ކުރުމަށް: 7 ދުވަސް)
  • ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަދަލުގެނައުން. (ވަޢުދު ފުރިހަމަ ކުރުމަށް: 30 ދުވަސް)
  • ވިސްލް ބޮލޮވަރ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • ނުޙައްޤު މުއްސަނދިވުން ހުއްޓުވުމަށް ބިލެއް މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)

މީގެ އިތުރުން، އިސްވެ ދެންނެވި ވަޢުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި، ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ފުރިހަމަކުރެއްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައި، އެގޮތުން ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙުގެންނަންޖެހޭ 11 ޤާނޫނެއް މިހާތަނަށް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 10 ބިލެއްގެ ދެލިކޮޕީ މިހާރު ވަނީ އެކުލަވާލައި ނިމި، ބައެއް ބިލު ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާ ނިމިފައެވެ. އަދި މުޅިން އަލަށް އެކުލަވާލަންޖެހޭ 5 ޤާނޫނަކާ ގުޅޭ ބިލު އެކުލަވާލަން އޮތްއިރު، އޭގެ ތެރެއިން 1 ބިލު މިހާރު ވަނީ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައެވެ. މީގެ އިތުރުން، 2 ބިލެއް އެކުލަވާލުމުގެ ފަހު މަރުޙަލާގައިވާއިރު، ދެން އޮތް ދެ ބިލު އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

20 ޑިސެންބަރު 2018