ނޫސްބަޔާން

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާގުޅޭ މަސައްކަތްތައް ފެށުމާބެހޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ފަށައި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ.

އިސްވެ ދެންނެވި ވަޢުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި، ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، އެކަންކަން، އެ ވަޢުދުތައް ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ މަޝްވަރާއާއެކު މި އޮފީހުން މިދަނީ ކުރަމުންނެވެ. އެގޮތުން، މުޅިން އަލަށް އެކުލަވާލަންޖެހޭ 5 ބިލަކާއި، ޢަމަލުކުރަމުންދާ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ 11 ބިލާއެކު ޖުމްލަ 16 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރެއިން 6 ބިލެއް މިހާރު ވާނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ދެންހުރި ބިލުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކަމާބެހޭ ވުޒާރާތަކުގެ މަޝްވަރާއާއެކު ކުރިއަށްދާކަން ފާހަގަކުރަމެވެ.

ކަމާބެހޭ ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ޤައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކޮށް، އަލުން ރީނެގޯޝިއޭޓްކުރެވޭނެ ތަނެއް އޮތްތޯ ބެލުމަކީވެސް ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު މަސައްކަތެއް ކަމުގައިވާއިރު، އެ މަސައްކަތް، ކަމާބެހޭ އެހެން ވުޒާރާތަކުގެ ބައިވެރިވުމާއެކު ކުރުމަށްޓަކައި ކަމާގުޅޭ ކޮމިޓީއެއް މި އޮފީހުގައި އެކުލަވާލައި، އެ މަސައްކަތް އެ ކޮމިޓީއާ މިހާރު ވާނީ ޙަވާލުކޮށްފައެވެ. އެގޮތުން، ކަމާގުޅޭ އެއްބަސްވުންތައް މުރާޖަޢާކުރުމަށްފަހު، އެ އެއްބަސްވުންތަކަށް ވާޞިލުވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާނެއެވެ. އަދި އޭގެ ތެރެއިން ޤައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްވާނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓްކުރުމުގެ ފުރުޞަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުޞަތު އޮތް އެއްބަސްވުންތައް އިޞްލާޙުކުރެވޭނެއެވެ. އެގޮތުން އިސްވެ ދެންނެވި ކޮމިޓީން އެ މަސައްްކަތް ކުރުމުގައި މުރާޖަޢާކުރަންޖެހޭ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި، ލޯނުގެ އެއްބަސްވުންތަކާއި، ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިންގ އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކާގުޅޭ އެއްބަސްވުންތަކާއި، ޢާންމު ޚިދުމަތްތަކާއި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ އެއްބަސްވުންތަކާއި، ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާގުޅޭ އެގްރީމަންޓުތައް ހިމެނެއެވެ.

އޭގެ އިތުރުން، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް، ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރުމަކީވެސް، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަމަކަށްވާތީ، އެ މަސައްކަތް ކުރުމަށްޓަކައި މި އޮފީހުގައި ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި އިސްވެ ދެންނެވި ފަދައިން އެކުލަވާލާފައިވާ ޤާނޫނުތައް މުރާޖަޢާކުރުމުގެ އިތުރުން، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތައް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާ އެއްގޮތްކުރުމަށްޓަކައި އެ ޤާނޫނުތައް މުރާޖަޢާކޮށް، އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލުންވެސް ހިމެނެއެވެ.

 

                                    

10 ޑިސެންބަރު 2018