ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާނެ މައިގަނޑު ސިޔާސަތުތައް

ޤާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބު ކަނޑައަޅުއްވައިފި

ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާނެ މައިގަނޑު ސިޔާސަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން ބަންޑާރަނައިބު މިއަދު ކަނޑައަޅުއްވައި، ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގަވައިފިއެވެ. މި ސިޔާސަތުތައް ކަނޑައެޅުއްވުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރެވި، އެފަރާތްތަކުގެ ކިބައިން މުޖުތަމަޢު ރައްކާތެރިކޮށްދިނުމުގެ މަޤްޞަދު ޙާޞިލުކުރެވިގެންދާއިރު، އެކަން ކުރެވެނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން އެފަރާތަށް ލިބިދިނުމާއެކު، ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށް ބާރުއެޅުމެވެ.

2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު އެ އަހަރު ޢާންމުކުރެވުނު ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިއޮތީ، ކުށުގެ ބާވަތަށް ބިނާކޮށް، ޢާންމު އުސޫލެއްގެ ގޮތުން ދަޢުވާކުރެވެންވާނެ ބާވަތުގެ މައްސަލަތަކެއް ފާހަގަކުރެއްވުމަށް ކަމުގައިވީ ނަމަވެސް، މިއަދު ބަންޑާރަނައިބު ޢާންމުކުރެއްވި ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަކީ، ޖިނާއީ ކުށްކުށުގެ ދަޢުވާ ކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް އޭނާ ބޭނުންކުރެއްވުމުގައި އިސްކަންދެއްވަންވީ ބާވަތުގެ މައްސަލަތަކެއް ކަނޑައެޅުއްވުމަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، އެ މަސްއޫލިއްޔަތު ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރައްވަނީ އަދި އެކަން ކުރެއްވުމުގައި އޭނާއަށް ލިބިދޭ ބާރުތައް ބޭނުންކުރައްވަނީ، ވަކި ފަރާތަކަށް ބުރަވެވަޑައިގަތުމެއް ނެތި، މިނިވަންކަމާއެކު، ތަޢައްޞުބުން އެއްކިބާވެ ހުންނަވާ ޙާލު، ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ކަށަވަރުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރައްވަންވީ ނުވަތަ ރިޢާޔަތްކުރައްވަންވީ ޢާންމު އުޞޫލުތަކެއް ބަޔާންކުރެއްވުމަށް އިސްކަންދެއްވައިގެން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކެކެވެ.

އެގޮތުން، ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރެއްވުމުގައާއި، އެފަދައިން ކުރައްވާ ދަޢުވާތައް މުރާޖަޢާކުރެއްވުމުގައާއި، އަދި ދަޢުވާނުކުރައްވައި ދޫކޮށްލެއްވުމަށް ނިންމަވާ ނިންމެވުންތައް ނިންމަވަނީ، ހަމަހަމަކަމާއެކު، ހާމަކަންބޮޑު ގޮތެއްގައި، އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރެއްވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ރިޢާޔަތްކުރައްވަންވާނެ ޢާންމު ސިޔާސަތުތަކެއް ހިމެނުއްވުމުގެ އިތުރުން، ބަންދުކުރެވޭ މީހުން ބަންދުކުރެވޭ ޙާލަތްތަކާއި ބަންދުގައި ބޭތިއްބޭނެ ޝަރުޠުތައް މުރާޖަޢާކުރެއްވުމުގެ މަސްއޫލިއްޔަތާއި، ތަޙްޤީޤީ އިދާރާތަކުން ހިންގަންޖެހޭ ތަޙްޤީޤުތައް ހިންގާތޯ ބެއްލެވުމަށް ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލާ މަތިކޮށްފައިވާ ޒިންމާތައް، ހާމަކަންބޮޑު ގޮތެއްގައި އަދާކުރެއްވުމަށް ބާރުއެޅުއްވުމަށްޓަކައިވެސް އުޞޫލުތަކެއް ހިމަނުއްވާފައިވެއެވެ. އޭގެ އިތުރުން، މި ސިޔާސަތުތަކަކީ، ކުޑަކުދިންގެ މައްޗަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭއިރު، އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުޞޫލަކުން، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެކުދިންނާމެދު ކަންކުރެވިގެންދިޔުމަށް ބާރުއަޅައިދޭ ސިޔާސަތުތަކެކެވެ.

ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ބަންޑާރަނައިބު މިއަދު ކަނޑައެޅުއްވުމާއެކު، 2008 ވަނަ އަހަރު ޢާންމުކުރައްވާފައިވާ ސިޔާސަތުތައް އުވުނީއެވެ.

 

31 ޑިސެންބަރު 2018