ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދެވޭ ޕްރޮގްރާމް “ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދެނެގަތުން” ރަސްމީކޮށް އިފްތިތާޙުކުރުން.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާގުޅިގެން، ކަމާބެހޭ މުއައްސަސާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށްޓަކައި، އެޓަރނީ ޖެނެރަލްގެ އޮފީހާއި އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވާލާފައިވާ ރޯލް އައުޓް ޕްލޭންގެ ދަށުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ “ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދެނެގަތުން” ޕްރޮގްރާމް، އެޓަރނީ ޖެނެރަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

“ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދެނެގަތުން” މި ޕްރޮގްރާމް އިފްތިތާޙުކުރުމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތުގައި، ޖިނާއީ ޢަދުލު ނިޒާމުގެ މަރުޙަލާތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ލިބިދޭ ޙައްޤުތަކާއި، ޤާނޫނު ތަންފީޛުކުރުމުގައި ދައުލަތުގެ މުއައްސަސާތައް ޢަމަލުކުރަންޖެހޭގޮތުގެ މަޢުލޫމާތާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހިމެނޭ މިނޫންވެސް މަޢުލޫމާތު، ޢާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ މަޢުލޫމާތު ހިމެނޭ، މަޢުލޫމާތު ޕެކެއް ތަޢާރަފުކޮށް، އެ މަޢުލޫމާތު ޕެކް ވަނީ އިފްތިތާޙުކުރެވިފައެވެ. މި  މަޢުލޫމާތު ޕެކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ ޕޯސްޓަރާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ އަތްމަތީ ފޮތަކާއި، ޤާނޫނާބެހޭ މަޢުލޫމާތު ދައްކުވައިދޭ ވީޑިއޯ ސްޕޮޓްތަކާއި ޓިއުޓޯރިއަލްތައް ހިމެނެއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ޢާންމުންގެ ތެރެއިން ވީހާވެސް ގިނަ މީހުންނާ ހަމައަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޢުލޫމާތު ފޯރުވުން ކަމަށްވާތީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ މުޢައްސަސާތަކުންނާއި ތަންފީޛީ އިދާރާތަކުން، މި ޕްރޮގްރާމްގެ މަޢުލޫމާތު ޕެކްގައި ހިމެނޭ ވަޞީލަތްތައް މެދުވެރިކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމާއި އެ މުއައްސަސާތަކުގެ އޮފީސްތަކުގައި ޢާންމުކުރުމުގެ އިތުރުން، މާލޭގައްޔާއި އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ކޯޓުތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ “ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދެނެގަތުން” ޕްރޮގްރާމްގެ މަޢުލޫމާތު ޕެކް ޙިއްޞާކުރެވިގެންދާނެއެވެ.

ހަމައެއާއެކު، “ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދެނެގަތުން” ޕްރޮގްރާމްގެ ރަސްމީ މީޑިއާ ޕާޓްނަރުންގޮތުގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާ، ޕަބްލިކް ސަރވިސް މީޑިއާ، ޗެނަލް 13 އަދި މިހާރު އޮންލައިން ނޫސް މެދުވެރިކޮށް،  މަޢުލޫމާތު ޕެކްގައި ހިމެނޭ، ޓިއުޓޯރިއަލްތައް ޢާންމުކޮށް ބްރޯޑްކާސްޓްކުރުމާއެކު، ޢާންމުން ރައްޔިތުންނަށް ބޭނުންހިފޭނޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ މަޢުލޫމާތު ހިމަނާފައިވާ ރިޕޯޓެއް ކޮންމެ ހަފްތާއަކު އެއްފަހަރު ޝާއިޢުކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކުރިއަށްގެންދަން ރާވައިފައިވާ ހޭލުންތެރިކުރުވުމުގެ މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި، އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރާއެކު ބައިވެރިވެޑައިގެން، އެހީތެރިވެދެއްވަމުންގެންދަވާ އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަމުގައި، ޝުކުރު ދަންނަވަމެއެވެ.

______________________

30 ޖަނަވަރީ 2018