ނޫސް ބަޔާން

ނޫމަޑި މައްސަލައިގައި ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދުން

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މި އޮފީހުން މިއަދު ވާނީ އެދިފައެވެ.

ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައެވެ. އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހައިސިއްޔަތުން މުޢިއްޒުގެ ބައިވެރިވުމާއެކުގައެވެ. ވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން ޢަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެންދިޔައީ، އާބިޓްރޭޝަނުގައި ހިނގަމުންދިޔަ މައްސަލަތައް ދިފާޢު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިކަމަކަށެވެ.

ނޫމަޑި މައްސަލާގައި މުޢިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިޢާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ތަޙްޤީޤުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަނީ އެދިފައެވެ.

                                

09 ޑިސެންބަރު 2019