ނޫސްބަޔާން

ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގެ ފައިނަލް އެވޯޑު ތަންފީޛުކުރުމާގުޅޭ

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންްޓްރޯލް ސިސްޓަމްގެ މަސައްކަތް ނެކްސްބިޒް ލިމިޓެޑާ ޙަވާލުކުރުމަށްޓަކައި 17 އޮކްޓޫބަރު 2010 ވަނަ ދުވަހު އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވިފައިވާ އެގްރީމަންޓް  ބާޠިލުކުރުމުގެ ނޯޓިސް 5 އޮގަސްޓް 2013 ގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް ފޮނުވައި، އެގްރީމަންޓް ބާޠިލުކުރުމާ ގުޅިގެން، 272 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދުމަށް އެދި ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް 9 ޖަނަވަރީ 2014 ވަނަ ދުވަހު ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި އާބިޓްރޭޝަން މައްސަލަ ނިމި،  24 ނޮވެމްބަރު 2016 ގައި އެ މައްސަލައިގެ ފައިނަލް އެވޯޑްވަނީ ނެރެފައެވެ.

ބުނެވިދިޔަ ފައިނަލް އެވޯޑުގައި، ދިވެހި ސަރުކާރާއި ނެކްސްބިޒް ލިމިޓެޑާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް ދިވެހި ސަރުކާރުގެ ފަރާތުން ބާޠިލުކޮށްފައިވަނީ އެގްރީމަންޓާ ޚިލާފަށްކަމަށް ކަނޑައަޅައި، ދިވެހި ސަރުކާރުގެ ފަރާތުން ނެކްސްބިޒް ލިމިޓެޑަށް 17,085,654 (ސަތާރަ މިލިއަން އަށްޑިހަ ފަސްހާސް ހަ ސަތޭކަ ފަންސާސް ހަތަރެއް) އެމެރިކާ ޑޮލަރާއި، 1,093,370.82 (އެއް މިލިއަން ނުވަދިހަ ތިން ހާސް ތިން ސަތޭކަ ހަތްދިހަ ޕޮއިންޓް އަށެއް ދޭއް) ސިންގަޕޯރ ޑޮލަރު ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު އެވޯޑު 24 ނޮވެމްބަރު 2016 ގައި ނެރުނު ފަހުން، ދިވެހި ސަރުކާރުން ނެކްސްބިޒް  ލިމިޓެޑްއަށް ދޭންޖެހޭނެކަމަށް އެ އެވޯޑުގައި ކަނޑައެޅި ފައިސާ ދެއްކުމަށް އެދި އެ ކުންފުނިން ދިވެހި ސަރުކާރަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިވީނަމަވެސް، އެ އެވޯޑު ތަންފީޛުނުކުރުމަށާއި އެ އެވޯޑުގައި ބަޔާންކޮށްފައިވާ ފަދައިން ފައިސާ ދެއްކުމުގެ ކަންކަން ކުރިޔަށް ނުގެންދިއުމަށް، ނިމިދިޔަ ރިޔާސީ ދައުރުގައި ދިވެހި ސަރުކާރުން ނިންމާފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން، ބުނެވިދިޔަ އެވޯޑު ރަޖިސްޓަރީ ކުރުމަށް ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ އެވޯޑަކީ ސިންގަޕޫރުގައި ތަންފީޛުކުރެވޭނެ އެވޯޑެއްކަމުގައި ވަނީ ކަނޑައެޅިފައެވެ.

މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންްޓްރޯލް ސިސްޓަމްގެ މަސައްކަތް ނެކްސްބިޒް ލިމިޓެޑާ ޙަވާލުކުރުމަށްޓަކައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް ދިވެހި ސަރުކާރުން ބާޠިލުކޮށްފައިވަނީ އެ އެގްރީމަންޓާ ޚިލާފަށްކަމަށްވެފައި، އެގްރީމަންޓް ބާޠިލުކުރުމާ ގުޅިގެން ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހުށަހެޅި އާބިޓްރޭޝަން މައްސަލަ ނިމި  24 ނޮވެމްބަރު 2016 ގައި ނެރުއްވާފައިވާ ފައިނަލް އެވޯޑަކީ ޤާނޫނީ ގޮތުން ތަންފީޛުކުރަންޖެހޭނެ އެވޯޑެއްކަމަށްވާތީ، އެ އެވޯޑުގައި ކަނޑައަޅާފައިވާ ފައިސާ 5 ފެބްރުއަރީ 2019 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ އެ ކުންފުންޏަށް ދައްކާފައެވެ.

ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންެގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދައި، އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި، ދިވެހި ސަރުކާރުން އެއްބަސްވެގެން އާބިޓްރޭޝަނަށް ދާ މައްސަލަތަކުގެ އެވޯޑު ތަންފީޛުކުރުމަކީ މުހިންްމުކަމެއް ކަމަށް މި ސަރުކާރުން ދެކޭ ވާހަކަވެސް ދަންނަވަމެވެ.

                                 

06 ފެބުރުވަރީ 2019