ނޫސްބަޔާން

 

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމާބެހޭ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށާއި ތަން ހުސްކޮށް ދައުލަތާ ޙަވާލުކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މިހާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ) އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ސެޕްޓެންބަރު 2016 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލި 1 ޑިސެންބަރު 2018 އިން ފެށިގެން ދައްކާފައިނުވުމުގެ ސަބަބުން 7 މާރިޗު 2019 ގައި އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އެއްބަސްވުމުގެ ދަށުން މިހާތަނަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށާއި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިން ދައުލަތާ ޙަވާލުކުރުމުގެ އަމުރަކަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ތަފްޞީލު އެ އެއްބަސްވުމުގެ ޖަދުވަލު 1 ގައި ހިމަނާފައިވާއިރު، ކޮންމެ މީލާދީ މަހެއްގެ ކުލި އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވާނެކަމަށް އެއްބަސްވުމުގެ 6.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުލި ނުދައްކައިފިނަމަ ކުލި ބަލައިގަނެވޭނީ އެމަހެއްގެ ނިޔަލަށް ކުލި ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ގެ ޖޫރިމަނާ އާއެކުގައިކަމަށް އެއްބަސްވުމުގެ 6.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔާއި، ޖޫރިމަނާގެ ފައިސާ ނުދައްކައި އޮވެ، ކުލި ދައްކަންޖެހޭ މަސް ނިމިއްޖެނަމަ އިތުރު މުއްދަތެއްނުދީ، އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު އެއްބަސްވުމުގެ 10.2 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ފަދައިން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ ބިމުގެ ކުލި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންޖެހުނުނަމަވެސް، 1 ޑިސެންބަރު 2018 އިން ފެށިގެން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ކުލި ދައްކާފައިނުވެއެވެ. އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ކުލި ދެއްކުމުގެ ގޮތުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ހުށަހެޅި 2 (ދޭއް) ޗެކްވެސް ވަނީ ބައުންސްވެފައެެވެ. ވީމާ، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލި 1 ޑިސެންބަރު 2018 އިން ފެށިގެން ދައްކާފައިނުވާތީ، އެއްބަސްވުމުގެ 10.2 ވަނަ މާއްދާގެ ދަށުން 7 މާރިޗު 2019 ގައި އެއްބަސްވުން ބާޠިލްކޮށް، 10 މާރިޗް 2019 އިން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބިން ހުސްކޮށް ދައުލަތާ ޙަވާލުކުރުމަށާއި، ބިން ހުސްކުރުމަށް ދެވުނު މުއްދަތުގައި އެ ބިމުގައި ކުރަމުންދާ ވިޔަފާރި ކުރިއަށް ނުގެންދިއުމަށް 7 މާރިޗް 2019 ގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މިހާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ) އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ސެޕްޓެންބަރު 2016 ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޚިލާފުވުމުގެ ސަބަބުން 7 މާރިޗު 2019 ގައި އެ އެއްބަސްވުން ބާޠިލްކޮށްފައިވާތީއާއި، އެ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިން މިއަދާ ހަމައަށްވެސް ދައުލަތާ ޙަވާލުކޮށްފައިނުވާތީ، 27 ފެބުރުވަރީ 2019 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ 1،149،271.00ރ (އެއްމިލިޔަން އެއްސަތޭކަ ސާޅީސްނުވަހާސް ދުއިސައްތަ ހަތްދިހަ އެއްރުފިޔާ) އާއި، އެ ބިން ދައުލަތާ ޙަވާލުކުރާ ދުވަހާ ހަމަޔަށް އަރާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށާއި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިން ހުސްކޮށް، ދައުލަތާ ޙަވާލުކުރުމުގެ އަމުރަކަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ވާހަކަ ދަންނަވަމެވެ.

 

                  

15 އޭޕްރިލް 2019