ނޫސްބަޔާން

ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ލަފާދިނުމާ ގުޅޭ

ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ، އެއްބަސްވުން ނިމުމަކަށް ގެނެސް، މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް މި އޮފީހުންވާނީ ލަފާ ދީފައެވެ.

ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާޠިލުކުރުމާ ގުޅިގެން އެ މަޝްރޫޢާމެދު ޢަމަލުކުރާނެ ގޮތުގެ ލަފަޔަކަށްއެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މި އޮފީހަށް ވަނީ ލިޔުއްވާފައެވެ. މި މަޝްރޫޢަކީ 7 މެއި 2019 ގައި ބީލަމުގެ އުޞޫލުން އިޢުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެއް ކަމަށްވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުޠެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ “ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ”ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވެއެވެ. މި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށް، 10 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ، 20 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިންވަނީ ބާޠިލުކުރައްވާފައެވެ. އެ މިނިސްޓްރީގެ ފަރާތުން ކުންފުނީގެ ރަޖިސްޓްރީ ބާޠިލުކުރައްވާފައިވަނީ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމާއި، އެ ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސް ކަމަށް އެ މިނިސްޓްރީގެ ފަރާތުން މި އޮފީހަށްވަނީ މަޢުލޫމާތު ދެއްވާފައެވެ.

ވީމާ، މި މައްސަލައިގައި ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަކީ މަސައްކަތަށް ބީލަން ހުށަހެޅިއިރުވެސް ބީލަމުގެ ޝަރުޠު ފުރިހަމަވެފައިވާ ކުންފުންޏެއްކަމަށް ނުވާތީއާއި، 20 އޮގަސްޓް 2019 ގައި ކުންފުންޏަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ބާޠިލުކުރުމުގެ ސަބަބުން އެ ކުންފުންޏަކީ ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ޢިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްނުވާތީ، މި މަޝްރޫޢާ ގުޅޭގޮތުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމާއި، އެހެންކަމުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ޢައްޔަނުކުރުމަށް މި އޮފީހަށް ފެންނަ ކަމަށް ދަންނަވައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ލަފާ ދީފައިވާނެއެވެ.

                           

22 އޮކްޓޫބަރު 2019