ނޫސްބަޔާން

ކުރީގެ ރައީސް ޔާމީންއާއި، ނައިބު ރައީސް އަދީބުއާއި، އެހެނިހެން ފަރާތްތަކެއް މަނީ ލޯންޑްރިންގ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ލިޔުންތައް ރިޔާސީ ކޮމިޝަނާއި ފުލުހުންނަށް ހުށަހެޅުން.

2014 ވަނަ އަހަރު، ކުރީގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ނައިބު ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އޭރުގެ ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާއި، އެހެނިހެން ފަރާތްތަކެއް ހިމެނޭގޮތުން، މަނީ ލޯންޑްރިންގ ހިމެނޭކަމަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކެއް ކޮށްފައިވާކަމަށް ނުވަތަ ކުރުމަށް ރާވާފައިވާކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތަކެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ.) އިން ވަނީ މި ހިނގާ ޖަނަވަރީ މަހު މި އޮފީހާ ޙިއްޞާކުރައްވާފައެވެ.

ބުނެވިދިޔަ ލިޔެކިޔުންތަކަކީ، ކުރީގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު، ބައިނަލްއަޤްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާރމަކުން ތައްޔާރުކޮށްފައިވާ ތަޙްޤީޤު ރިޕޯޓަކާއި އެއާގުޅޭ ލިޔެކިޔުންތަކެކެވެ. އަދި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، އެ މޯބައިލް ފޯނުތަކުގައިވާ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދެއްވާފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިންގ ހަދާފައިވާ ޑޭޓާތަކެކެވެ.

ބުނެވިދިޔަ ލިޔެކިޔުންތައް މި އޮފީހުން ދިރާސާކުރިއިރު، އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީ ލޯންޑްރިންގގެ ކުށުގެ އިތުރުން، ރިޝްވަތުދިނުމާއި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭތީ، އެ ލިޔެކިޔުންތައް “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ” އާ ވާނީ 15 ޖަނަވަރީ 2019 ގައި ޙިއްޞާކޮށްފައެވެ. އަދި އެ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި، ހެކި ރައްކާތެރިކޮށް، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާވެސް އެ ލިޔެކިޔުންތައް މިހާރުވަނީ ޙިއްޞާކުރެވިފައެވެ.

މީގެއިތުރުން، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަކީ މި ސަރުކާރުން ބޮޑު އަހުމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތަކަށްވާތީ، ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެ ފައިސާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމަށްޓަކައި ޤާނޫނީގޮތުން ދިވެހިރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނާއި ޤާނޫނީ ވަކީލުން ހޯދައި، އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މި އޮފީހުން މިހާރު މަޝްވަރާކުރަމުންދާ ކަމުގައިވެސް ދަންނަވަމެވެ.

                                    

27 ޖަނަވަރީ 2019