ނޫސްބަޔާން

 

އެމް.އެމް.ޕީ.އާރު.ސީ. ގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް މުރާޖަޢާކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެނެސްފި

 

2014 އަދި 2015 ވަނަ އަހަރު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ.) މެދުވެރިކޮށް އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި ޚިޔާނާތް އެކުލެވޭގޮތަށް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްތަކާއި ބިންތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މި އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ 39 (ތިރީސް ނުވައެއް) މައްސަލައިގެ ވާޤިއާތަކަށާއި، މިހާތަނަށް ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އެ މައްސަލަތަކުގެ ތެރެއިން 35 (ތިރީސް ފަހެއް) މައްސަލަ މުރާޖަޢާކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި އަނބުރާ ގެނައުމަށް ނިންމައި، އެ މައްސަލަތައް އަނބުރާ ފޮނުއްވައިދެއްވުމަށް ސިވިލް ކޯޓުގައި މިހާރު ވަނީ މި އޮފީހުން އެދިފައެވެ.

 

އިސްވެ ދެންނެވުނު 35 (ތިރީސް ފަހެއް) މައްސަލަ މުރާޖަޢާކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ” އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެހީއާއެކު، އެ މައްސަލަތައް ފުރިހަމަކޮށް، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތައް އަލުން ސިވިލް ކޯޓަށް ހުށަހަޅާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެޓަރނީ ޖެނެރަލް ދެއްވައެވެ.

                                    

13 ޖަނަވަރީ 2019