ނޫސްބަޔާން

މަދަނީ އިޖުރާއަތުގެ ބިލު ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މިއަދު ވަނީ ހުޅުވާލާފައެވެ. މި ބިލުގެ ފުރަތަމަ ކިޔުން، 7 ޑިސެމްބަރު 2019 ގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ ޖަލްސާގައި އިއްވާފައިވާއިރު، މި ބިލާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިމިވަނީ، ބިލުގެ ކޮމިޓީ މަރުޙަލާ، މިއަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފެށުމުގެ ކުރިން، ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖަޢާކޮށް، އިޞްލާޙުކުރުމަށްޓަކައެވެ.

މި ބިލަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީ، ޚަޞްމުންނާމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދީ، އަދި ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލުން ހުށަހަޅާ މައިގަނޑު ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  • ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދަޢުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި މިނޫންވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތާއި، ދަޢުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދަޢުވާއެއް އިޞްލާޙުކުރާނެ ގޮތް ބަޔާންކުރުން؛
  • އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން؛
  • ޚަޞްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން؛
  • މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން؛
  • ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން ޢަމަލުކުރަންޖެހޭ ގޮތާއި، އެގޮތުން މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނާއި މައްސަލައިގެ މުހިންމުކަމުގެ މައްޗަށް ބަލައި މައްސަލަތައް 3 ޓްރެކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ އިޖުރާއަތު ކަނޑައެޅުމާއި، ވާޤިޢާތަކުގައި އިޚްތިލާފެއްނުވާ މައްސަލަތަކުގައި ޚާއްޞަ އުސޫލަކުން މައްސަލައާމެދު ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅުމާއި، ޣައިރު ހާޒިރުގައި ޙުކުމްކުރުމާއި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ޙުކުމް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛
  • މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛
  • ޝަރީޢަތާ ގުޅިގެން ހިނގާ ޚަރަދު ޚަޞްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން؛
  • ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛
  • ޙުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ޚާއްޞަ ޙާލަތްތަކުގައި މައްސަލަ މުރާޖަޢާކުރުމުގެ އުސޫލުތައް ބަޔާންކުރުން؛
  • ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން؛
  • ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ޙުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރެވޭނެ ޙާލަތްތައް ކަނޑައެޅުން.

މި ބިލާ ގުޅޭގޮތުން ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސީދާ މި އޮފީހަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވާނަމަ، legislative.affairs@agoffice.gov.mv އަށް އެ ޚިޔާލެއް އީ-މެއިލްކުރެއްވުން އެދޭ ވާހަކަ ދަންނަވަމެވެ.

Civil Procedure Bill 

                         

12 ޑިސެމްބަރު 2019