ނޫސް ބަޔާން

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ އުފުލުން

މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މިއަދު ވާނީ ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައެވެ.

ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް މި އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ. އެއަށްފަހު މި އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއަރގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި މި އޮފީހަށް ޕްރޮޕޯސަލެއް ހުށަހެޅިއެވެ. ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް މި އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައެވެ. ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައެވެ.

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން މި އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ 4 (ހަތަރު) މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް މި އޮފީހުން ދީފައިވެއެވެ. އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސްފްޓްވެއަރ ތައްޔާރު ކުރެވިފައެއް ނުވެއެވެ.

އެއްބަސްވެފައިވާ ގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ތައްޔާރުކުރެވިފައި ނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރަންޖެހުނު /-53,826.80 USD (ފަންސާސް ތިންހާސް އަށްސަތޭކަ ސައްބީސް ޑޮލަރާއި އަށްޑިހަ ސެންޓް) ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެއެވެ.

މީގެއިތުރުން، އެ މުޢާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަޙުޤީޤުކޮށްދެއްވައި، ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި މި އޮފީހުން ވާނީ އެދިފައެވެ.

                                 

25 ޑިސެމްބަރު 2019