ނޫސް ބަޔާން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް މައްސަލަތައް ހުށަހެޅުމާގުޅޭ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 (އަށާރަ) މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، ޢުމުރުން 6 (ހައެއް) މަހާއި 13 (ތޭރަ) އަހަރާ ދެމެދުގެ 11 (އެގާރަ) ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި، މި އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާއިރު، ބުނެވިދިޔަ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމަޢުން ނުވަތަ ޢާއިލާއިން އިހުމާލުވާ ޙާލަތުގައި، އެކުދީންނަށް ޚާއްޞަ ރައްކާތެރިކަމާއި، ޚާއްޞަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލާޒިމް ކަމެކެވެ.

މިގޮތުން، މި އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ. އިސްެވެ ދެންނެވި 11 ކުދިން ދައުލަތުގެ ބެލެމުގެ ދަށަަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ޙަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވާނެ އެ ކުދިންގެ ޢާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އަދި، މި 11 ކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކޮންމެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި މިއަދު ފެމެލީ ކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީހުން 11 (އެގާރަ) މައްސަލަ ހުށަހެޅުމުން، އެފަދަ އަމުރެއް ހޯދުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މި އޮފީހަށް މިވަގުތަށް ފޮނުއްވާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ނިމުނީއެވެ.

                                

8 ޑިސެންބަރު 2019