ނޫސްބަޔާން

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ބިލާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލުގެ ނަމުގައި ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ބިލާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ބިލު

ސަރުކާރުން ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގެ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި، ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، “ޓެނެންސީ ބޯޑު” ގެ ނަމުގައި ބޯޑެއް އުފެދިގެންދާނެއެވެ. އެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޫކުރާ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، އެ ތަންތަނުގެ ސެކިއުރިޓީ ޑިޕޮޒިޓް ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި، އެ ތަންތަން އިންސްޕެކްޓްކޮށް އަސާސީ މިންގަނޑާ ޚިލާފަށް ހުންނަ ތަންތަން އިޞްލާޙުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅު އެޅުން ހިމެނެއެވެ.

މީގެ އިތުރުން، މި ބިލުގައި ގޯތިގެދޮރު ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގައި ހިމެނުން ލާޒިމު ކަންކަން ބަޔާންކޮށްފައިވާނެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު

ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑާއި، އެކަމަށްޓަކައި ތަންފީޛު ކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، ދިވެހިރާއްޖެއަކީ ލޯ އެމިޝަން ޤައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ. އެގޮތުން، މި ބިލުގެ ޛަރީޢާއިން ތަޢާރަފުކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގަައި އަންނަނި ކަންކަން ހިމެނެއެވެ.

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިންނާއި ދިވެހިރާއްޖެ ހޭނުވުމަށާއި، އެ ކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ނިޒާމެއް ޤާއިމުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވާ އަސަރުތައް ބަރުދާސްތުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖެއަކީ ލޯ އެމިޝަން ޤައުމަކަށް ހެދުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، “މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޤައުމީ ކައުންސިލު” ގެ ނަމުގައި ކައުންސިލެއް އުފެދިގެންދާނެއެވެ. އެ ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޤައުމީ ސިޔާސަތުތަކާއި، ޕްރޮގްރާމްތަކާއި، ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމާއި ހިންގުމުގައި މިނިސްޓްރީއަށް ލަފާދިނުން ހިމެނެއެވެ.

                           

28 ނޮވެންބަރު 2019