ނޫސް ބަޔާން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި

ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުޞޫލުން ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި، ކައުންސިލުތައް ބާރުވެރިކުރުވައި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ޤާނޫނު އިޞްލާޙުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނެ ކަމަށް ވެފައިވާ ވަޢުދެއް ކަމުގައިވާތީ، އެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ބިލު އެކުލަވާލުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެ ޤާނޫނު އިޞްލާޙުކުރުމާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މިއަދު ވަނީ ހުޅުވާލާފައެވެ. 

https://goo.gl/forms/QKrz0PA84B0IwqKM2

 

އޮންލައިން ފޯމެއްގެ ޛަރީޢާއިން ޚިޔާލު ހުށަހެޅުއްވުމަށް ހުޅުވާލި މި ފުރުޞަތުގައި، ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން، އީ-މެއިލްގެ ޛަރީޢާއިން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް legislative.affairs@agoffice.gov.mv އަށް އީމެއިލްކުރެއްވުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި މިހާތަނަށް ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ލާމަރުކަޒުކުރުމުގެ ދާއިރާގެ ބައެއް މާހިރުންނާ ބައްދަލުކޮށް، އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، އެފަރާތްތަކުން ލިޔުމުން ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތުވެސް އަރުވާފައިވާނެއެވެ. ހަމައެއާއެކު، ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް ލިޔުމުން ހުށަހެޅުއްވުމަށްވެސް ފުރުޞަތު ހުޅުވާލާފައިވާނެއެވެ.

 

އޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރެއާއި، ދެކުނުގެ ބައެއް ރަށްރަށަށް އަދި ސިޓީތަކަށް ޒިޔާރަތްކޮށް، އެ ރަށްރަށާއި ސިޓީތައް ނިސްބަތްވާ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމްޢިއްޔާތަކާއި، ޢާންމު ބައެއް ފަރާތްތަކާ ބައްދަލުކޮށް، ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

 

ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރުމުގެ މި މަސައްކަތް މި އޮފީހުން ކުރިއަށްގެންދަނީ، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެންނެވެ.

___________________

23 ޖަނަވަރީ 2019