ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލު ޢާންމުންގެ ޚިޔާލަށް ހުޅުވާލުން

 

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް މި އޮފީހުން ކުރަމުންގެންދާއިރު، އެ ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެފަދައިން އެ ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

 

މަދަނީ އިޖުރާއަތުގެ ބިލުގެ މި ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު މި އޮފީހުން ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑެވެ.

 

ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު، ހިމެނުމަށެވެ.

 

މިއީ، މަޝްވަރާގެ ބޭނުމަށްޓަކައި އެކުލަވާލާފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ ފުރަތަމަ ދެލިކޮޕީއެވެ. ބިލަށް ޚިޔާލު ހުށަހަޅުއްވާއިރު، ބިލުގައި އެކުލެވޭ މާއްދާތަކުގެ އޮށްޓަރަށާއި އެ މާއްދާތަކުން ކަނޑައަޅައިދޭ އުސޫލުތަކަށް ރިޢާޔަތްކޮށްދެއްވުން އެދޭ ވާހަކަ ދަންނަވާލުމާއެކު، ޢިމްލާ ކުށާއި، ޙަވާލާދިނުމާއި، ޢިބާރާތް ފުރިހަމަކުރުން ފަދަ ކަންކަމަކީ، މުޅި ބިލު އެކުގައި ފުރިހަމަކޮށް ނިމޭއިރު އިޞްލާޙުކުރެވިގެންދާނެ ކަންކަން ކަމުގައިވެސް ދަންނަވަމެވެ.

 

ވީމާ، މި ބިލަށް ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ބޭނުންފުޅުވާނަމަ، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. ލިޔުމުން ހުށަހަޅުއްވާ ޚިޔާލުފުޅުތައް، ރަސްމީ ގަޑީގައި މި އޮފީހަށް ހުށަހެޅުއްވިދާނެއެވެ. އަދި އީ-މެއިލްކުރައްވާނަމަ، legislative.affairs@agoffice.gov.mv އަށް އީމެއިލްކުރެއްވިދާނެ ވާހަކަ ދަންނަވަމަވެ.

Draft Civil Procedure Code of the Maldives_8.10.2019