ނޫސްބަޔާން

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ  އިޞްލާޙުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންސަލްޓަންޓެއްގެ ގޮތުގައި ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ދިވެހިރާއްޖެ ވަޑައިގަތުން

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުޢީ ދާއިރާ މިހާރު ބައްޓަންކުރެވިފައިވާ ގޮތާއި އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވާއިރު، ޝަރުޢީ ދާއިރާގެ ފުރިހަމަ ދިރާސާއެއްކުރުމަށްޓަކައި އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު، މި އޮފީހުން ވަނީ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނުކޮށްފައެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމާއި، އޭގެ އިތުރުން، އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ޖަސްޓިސް ޔޮހާން ކްރީގްލަރ އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރުޢީ ދާއިރާގެ ތަމްރީނާއި ތަޢްލީމު ދިނުމުގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކުގައެވެ.

މިގޮތުން، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތްކުރެއްވުމަށްޓަކައި، ސްކޯޕިންގ މިޝަންއަކަށް، މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރެއްވުމަށްވަނީ ހަަމަޖެހިފައެވެ. އަދި، މި ދަތުރުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމާޢަތްތަކުގެ އިތުރުން، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުލޭ ހުށަހެޅުންތައް ނުވަތަ ‘ރިކޮމެންޑޭޝަންސް’ ސަރުކާރަށް ހުށަހެޅުމެވެ.

އިސްވެ ދެންނެވި މަސައްކަތްތައް ނިންމައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް މި އޮފީހާ ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށެވެ.

 ____________________

27 މެއި 2019