ނޫސްބަޔާން

 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން

 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ބިލެއް ފޮނުވައިފިއެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި، އަދި ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި، މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އެ ޤާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫންވެސް އިޞްލާޙުތައް ގެނައުމެވެ. އެގޮތުން، އެ ޤާނޫނަށް ގެނެވޭ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 

  • ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް އިޞްލާޙުކުރުން؛
  • ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ޙާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނެސްގެން އުޅަނދު ދުއްވާ ޙާލަތުގައާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ޙާލަތުގައާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ޙާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުޞޫލެއް ކަނޑައެޅުން؛
  • ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުން؛
  • ރައްކާތެރިނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން؛
  • މިނިސްޓްރީން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިޙާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުން؛
  • ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައިހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުން؛
  • ޓެކްސީގެ ޚިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭގޮތަށް ހަމަޖެއްސުން؛
  • ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން؛
  • އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިޞްލާޙުކުރުން.

 

                        

27 އޮކްޓޫބަރު 2019