ނޫސްބަޔާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެނާއި ނަރުދަމާގެ ބިލެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން

 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ފެނާއި ނަރުދަމާގެ ބިލެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. ސަރުކާރުން މި ބިލު ހުށަހެޅީ އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައެވެ.

 

  • ޞިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމަށް؛
  • ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ޙިމާޔަތްކުރުމާއި، ތަރައްޤީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޛުކުރުމަށް؛
  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުމަށް؛
  • ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމަށް؛
  • ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަށް؛
  • ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމަށް؛
  • ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް.

                        

18 ނޮވެމްބަރު 2019