ނޫސްބަޔާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ދިވެހި ފުލުހުންގެ ބިލެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިޞްލާޙުކުރުމަށްޓަކައި “ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު” ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރުފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު މެދުވެރިކޮށް އިޞްލާޙުކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  • ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ތަޢާރުފުކުރުން؛
  • ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ޤާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން؛
  • ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަޤާމުގެ ޝަރުޠުތައް ކަނޑައެޅުން؛
  • ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުން؛
  • ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުން؛
  • ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ބަޔާންކުރުން؛
  • ފުލުހުންގެ ޚިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރު ބަޔާންކުރުން؛
  • ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކުރުން؛
  • ޤާނޫނުގައިވާ ގޮތުގެމަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި ޢަމަލުކޮށްގެންނުވާނެ ކަމުގައާއި، ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތެއް އުފަންވެފައިނުވާ ޙާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތުގައި، ބޭނުންކުރާ ބާރަކީ، ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ، ނިސްބަތްހަމަ ބާރަކަށް ވާންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކުރުން.

                           

5 ޑިސެންބަރު 2019