ނޫސްބަޔާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުން

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ބިލެއް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އިޞްލާޙުކުރުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޖަވާބުދާރީކުރުވޭނެ، މިހާރަށްވުރެ ހާމަކަން ބޮޑު ނިޒާމެއް ތަޢާރުފުކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

އެގޮތުން ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  • ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާ ތަމްސީލުކުރާނެ ފަރާތެއް މިހާރު މީރާގެ ބޯޑުގައި ހިމެނިފައިނުވާތީ، އެފަދަ ފަރާތެއް އެ ބޯޑުގައި ހިމަނައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއެކު، ބޯޑުގެ ހިންގުމުގެ ނިޒާމު ބަދަލުކުރުން.
  • ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގެ މުއްދަތެއް މިހާރު ޤާނޫނުގައި ކަނޑައެޅިފައިނުވާތީ، ޤާނޫނުތަކުން އުފައްދާ އެފަދަ އެހެން މަޤާމުތަކެކޭ އެއްފަދައިން، އެ ދެ މަޤާމުގެވެސް މުއްދަތެއް ކަނޑައެޅުން.
  • ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، މީރާގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސުން.
  • ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އަންނަނިވި ކަންކަން ޤާނޫނުގައި ކަނޑައެޅުން:
  • މީރާގެ ނުވަތަ ކޮމިޝަނަރ ޖެނެރަލްގެ ނިންމުމަކަށް އިޢުތިރާޟްކޮށް މީރާއަށް މައްސަލަ ހުށަހެޅޭގޮތަށް މިހާރު ޤާނޫނުގައި އޮތްނަމަވެސް، އެފަދަ ނިންމުމަކާމެދު މީރާއިން ގޮތެއް ނިންމަންޖެހޭ ވަކި މުއްދަތެއް ޤާނޫނުގައި ކަނޑައެޅިފައިނުވާތީ، އޭގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ޤާނޫނުގައި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމުކުރުން.
  • ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު މީރާއިން ހިސާބުކުރުމަށްފަހު ކަނޑައަޅާ ޢަދަދާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ ޢަދަދު އެކުގައި ދައްކާ ޚަލާޞްކުރުމަށްފަހު މެނުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަނޭޅޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، މީރާއިން ކަނޑައަޅާ ޢަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟްކުރާ ޢަދަދުގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުން.
  • މިހާރު ޤާނޫނު އޮތްގޮތުން، ޓެކްސް ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކަށް ޓެކްސް ރޫލިންގ މެދުވެރިކޮށް ބަދަލުގެނެވޭ ގޮތަށް އޮންނާތީ، ޓެކްސް ރޫލިންގ މެދުވެރިކޮށް އެފަދަ ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތަކަކީ ކޮބައިކަން ޢާންމުންނަށް ނޭނގުމާއި، އެފަދަ ޓެކްސް ރޫލިންގތަކަަކީ ޤާނޫނާއި ގަވާއިދުތަކުގެ ދާއިރާގެ ތެރެއިން ނެރެވޭ ރޫލިންގތަކެއް ކަމުގައި ހަމަޖެއްސުމަށާއި، އެފަދަ ރޫލިންގތަކަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ވަކި މުއްދަތެއް ބަޔާންކުރުން.

                                  

24 ޖުލައި 2019