ނޫސް ބަޔާން

ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުން

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ދިވެހިރާއްޖެއިން މިއަދު ވަނީ ސޮއިކޮށްފައެވެ. މި މުޢާހަދާގައި ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލުމަށް މިއަދު ސިންގަޕޫރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުއެވެ.

މި މުޢާހަދާއަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުޢާހަދާގައި ބައިވެރިވާ ޤައުމުތަކުން ބަލައިގަނެ، އެ ޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ޤައުމުތަކުގެ މެދުގައި އެއް އުޞޫލުތަކަކާއި އިންތިޒާމްތަކެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މި މުޢާހަދާގައި ދިވެހިރާއްޖެއިން މިއަދު ސޮއިކުރިނަމަވެސް، މި މުޢާހަދާ ތަންފީޛުކުރުމަށްޓަކައި ކަމާބެހޭ ޤާނޫނެއް ބޭނުންވާތީ، އެ މަސައްކަތް މި އޮފީހުން މިހާރު ފަށާފައިވާނެކަމާއި، އެ މުޢާހަދާ ތަންފީޛުކުރެވޭނީ އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު، ފަހުގެ މަރުޙަލާއެއްގައި އެ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ފަހުގައި ކަމަށް ދަންނަވަމެވެ.

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމާއި، ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުން ވެގެންދާނީ، އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކެމެވެ.

                                 

7 އޮގަސްޓު 2019