ނޫސްބަޔާން

ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ހެދި އެސެސްމަންޓްގެ ރިޕޯޓު ޢާންމުކުރުން

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި މުޅި ޝަރުޢީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވަޢުދުވެފައިވާ ކަމެއް ކަމަށްވާއިރު، އެ މަސައްކަތް ކުރުމަށް މި އޮފީހުން ޢައްޔަންކުރި ކޮންސަލްޓަންޓް ކަމަށްވާ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރގެ މަސައްކަތް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވާފައިވާ “އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް” ގެ ރިޕޯޓު މިހާރު ވަނީ މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ، ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އެބޭފުޅާ ވަނީ އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ކުރިއަށްގެންދެވި މަސައްކަތުގައި ހިމެނުނު މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަނުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމެވެ. އެ މަސައްކަތް ކުރެއްވުމުގައި، އޭނާ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލު ހޯއްދަވާފައެވެ.

ASSESSMENT OF THE JUSTICE SECTOR REFORM PROPOSALS  

                             

09 އޮކްޓޯބަރ 2019