ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާބެހޭ ޤާނޫނުތައް އިޞްލާޙު ކުރުމަށް ސަރުކާރުގެ ފަރާތުން މުހިއްމު ހުށަހެޅުންތަކެއް “ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް”އަށް ހުށަހަޅައިފިއެވެ.

“ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސް”އަށް ސަރުކާރުން ހުށަހެޅި ކަރުދާހުގައި މުހިއްމު ކަންތައްތަކުގެ ތެރޭގައި އަނިބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ޝަރުޢީ ހަމަތަކުގެ މަތިން ދޭންޖެހޭ ޚަރަދުގެ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައިވާނެއެވެ. އެގޮތުން، ޝަރީޢަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައި ޚަރަދު ލެއްވުމާއި ޚަރަދު ތަންފީޛުކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ވާނީ ހުށަހަޅާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސިމްޕޯޒިޔަމަށް ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އަނެއް ކަމަކީ ވަރި، ޙަޟާނަތު، ޚަރަދާ ގުޅޭ މައްސަލަތައް އެއް ދަޢުވާ ފޯމާއެކު ހުށަހަޅައި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމެވެ. އެއް ބާވަތުގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ޚަރަދު ހަމަޖައްސައިދިނުމުގެ މައްސަލަ ދިގުލައި، އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ޙައްޤައް އުނިކަން އަންނަފަދަ ޙާލަތްތައް މެދުވެރިވެއެވެ. މީގެ އިތުރުން ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވިފައިވާ ފަރާތުގެ ކިބައިން ޙަޟާނަތު ނިގުޅައިގެންފި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެއެވެ.

ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް ‘ކައިވެނީގެ ރަޖިސްޓްރަރގެ އޮފީސް’ގެ ނަމުގައި އިދާރާއެއް އުފައްދަން ހުށަހަޅާފައިވާނެއެވެ. ސަރުކާރުގެ ވުޒާރާއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް ހުށަހަޅާ ‘ކައިވެނީގެ ރަޖިސްޓްރަރގެ އޮފީސް” މެދުވެރިކޮށް، ޝަރުޢީ މައުޛޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޛޫނުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން ހިމެނުމަށް ހުށަހަޅާފައިވާނެއެވެ. ކައިވެނީގެ ރަޖިސްޓްރަރގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމެނުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ޚިދުމަތް ފަސޭހައިން ލިބިގެންދާނެއެވެ.