ނޫސްބަޔާން

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކުރުން

އެނގިވަޑައިގަންނަވާނެ ފަދައިން މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވަޢުދުވެފައިވާ ކަމެކެވެ. އެގޮތުން، މި އޮފީހުން ވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޤާއިމްކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރާ ފަރާތްތަކުގެ ތެރެއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށާއި އޮޑިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ބޭނުންވާ ބިލުތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައެވެ.

އިސްވެ ދެންނެވި ބިލުތައް އެކުލަވާލުމުގައި ވިސްނާފައިވާނީ، އެފަދަ މުސްތަޤިއްލު ކޮމިޝަންތަކުން ނުވަތަ އެފަދަ މުސްތަޤިއްލު މަޤާމުތައް އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު މިނިވަންކަމާއެކު އަދި ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތަޢަޞުބުން އެއްކިބާވެ، އެ މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ އުސޫލުތައް މިހާރަށްވުރެ ސާފުކޮށް ބަޔާންކޮށް، އެފަރާތްތައް ޖަވާބުދާރީކުރެވޭނެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކޮށް ބަޔާންކުރުމަށްޓަކައި އެ ޤާނޫނުތައް އިޞްލާޙުކުރުމަށެވެ. އެގޮތުން އެ ފަސް ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ:

  • ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން (ކޮމިޝަންތަކުގެ ވާޖިބު އަދާކުރުމުގައި، ކޮމިޝަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެންނުވާނެ ކަމުގައާއި، ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަޞްލަޙަތެއް ހާސިލުކުރަން މަަސައްކަތްކޮށްގެން ނުވާނެ ކަމުގައާއި، ކޮމިޝަނުން ކަންކަން ނިންމުމުގައި ޢަމަލުކުރަންވާނީ ކޮމިޝަނުގެ މަޤްޞަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަޞްލަޙަތަށްޓަކައިކަން ކަނޑައެޅިގެން ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންވާ މާއްދާތައް)؛

  • ސުލޫކީ ހަމަތަކާއި މިންގަނޑުތައް (ކޮމިޝަންތަކުގެ ޖަމާޢީ ސުލޫކާއި، ކޮމިޝަނުގެ ކޮންމެ މެންބަރަކުމެ، ފަރުދީ ހައިސިއްޔަތުންނާއި ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކާގުޅޭ ހަމަތަކާއި، އެ މެންބަރުންގެ މަޤާމުގެ ޒިންމާ އުފުލުމުގައާއި، ވާޖިބު އަދާކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކުރާ މާއްދާތައް)؛

  • މާލީ ހިސާބު ހުށަހެޅުން (ކޮމިޝަންތަކުގެ މެންބަރުން، އެމީހުންގެ އާމްދަނީއާއި މުދަލާއި ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަޤާމާ ޙަވާލުވާތާ ވަކި މުއްދަތެއްގެ ތެރޭގައި، އަދި މަޤާމު އަދާކުރަން ފެށުމަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި، އަދި މަޤާމުން އިސްތިއުފާދިނުމަށްފަހުގައިވެސް ވަކި މުއްދަތެއްގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކުރާ މާއްދާތަކާއި، މެންބަރުންގެ މާލީ ހިސާބު ހުށަހަޅާއިރު، މެންބަރުން އިނދެގެންއުޅޭ މީހުންނާއި، އެ މެންބަރުންގެ ސީދާ ބެލެހެއްޓުމުގެ ދަށުގައިވާ ދަރިންނާއި، އެ މެންބަރުން ސީދާ ބަލަހައްޓަމުންގެންދާ އެހެން މީހުންގެ މާލީ ހިސާބުތައް ހުށަހެޅުމަށް ލާޒިމުކުރާ މާއްދާތައް)؛

  • މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (ކޮމިޝަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އަމިއްލަ މަޞްލަޙަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަށް ފުރުޞަތު ނުދެވޭނެގޮތަށް ކޮމިޝަންތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިޝަނުގެ މެންބަރެއްގެ މަޞްލަޙަތު ފުށުއަރާފާނެފަދަ ޙާލަތެއް ދިމާވެއްޖެނަމަ ނުވަތަ ދިމާވެދާނެކަމަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މާއްދާތައް)؛

  • އިތުރު ވަޒީފާ އަދާނުކުރުން (ކޮމިޝަންތަކުގެ މެންބަރުން މަސައްކަތްކުރަނީ މިނިވަންކަމާއެކު، ހަމައެކަނި ކޮމިޝަންގެ މަސައްކަތްތަކަށް ތަޚްޞީޞްވެތިބެކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނުގެ މެންބަރުންނަކީ އެހެން ވަޒީފާއެއް އަދާނުކުރާ، އަދި އާމްދަނީ ލިބޭ އިތުރު މަސައްކަތެއް ކޮށްގެންނުވާނެ ބައެއް ކަމުގައި ބަޔާންކުރާ މާއްދާތައް)؛

  • ސުލޫކީ ހަމަތަކާ ޚިލާފުވުން (ޤާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިޝަނެއްގެ މެންބަރަކު ޚިލާފުވުމަކީ، އޭނާ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރުންކަމަށް ބަލައި، އެއީ އޭނާ މަޤާމުން ވަކިކުރެވިދާނެ ޙާލަތެއް އުފަންވާ ޙާލަތެއް ކަމުގައި ބެލޭނެކަމަށް ބަޔާންކުރާ މާއްދާތަކާއި، ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމައަކާ ޚިލާފުވެއްޖެނަމަ، އެ ޚިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެ ކަމަށް ބަޔާންކުރާ މާއްދާތައް)؛

  • ކޮމިޝަނުން ޖަވާބުދާރީވުން (ކޮމިޝަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާތައް).

މަތީގައި ފާހަގަކޮށްފައިވާ ކަންކަމަކީ، އިސްވެ ދެންނެވި ފަސް ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ މައިގަނޑު ބަދަލުތަކެވެ. އޭގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި، ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި، މެންބަރުންގެ މަސްއޫލިއްޔަތުތައްވެސް އިޞްލާޙުކޮށް، އިތުރަށް ތަފްޞީލުކޮށްފައިވާނެއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ބައެއް މަސްއޫލިއްޔަތުތައްވެސް އެ ކޮމިޝަންގެ ޤާނޫނުގައި އިތުރަށް ސާފުކޮށް ބަޔާންކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ހިމަނާފައިވާނެއެވެ.

އިސްވެ ދެންނެވި ޤާނޫނުތަކަށް ހުށަހަޅާފައިވާ އިޞްލާޙުތަކަކީ، އެ ޤާނޫނުތައް ނިސްބަތްވާ މުސްތަޤިއްލު ކޮމިޝަން ނުވަތަ މަޤާމު އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު އަދާކުރުމަށް މަގުފަހިކުރުމަށް މިހާރުން މިހާރަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކެކެވެ. އެ ޤާނޫނުތަކުގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށްވެސް ކަމާގުޅޭ އިޞްލާޙުތައް ހުށަހެޅޭނެއެވެ. އެހެންނަމަވެސް، މިވަގުތު އެ ޤާނޫނަށް ގެންނަންޖެހޭ އެހެން އިޞްލާޙުތަކެއްގެ މަސައްކަތްވެސް ކުރަމުންދާތީ، އެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅަން ޤަޞްދުކޮށްފައިވާނީ ފަހުގެ ތާރީޚެއްގައެވެ. އޭގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަކީ، މިނިވަންކަމާއެކު އަދި ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތަޢަޞުބުން އެއްކިބާވެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބާރުއަޅާ މާއްދާތަކެއް މިހާރުވެސް އެކުލެވޭ ޤާނޫނެއް ކަމަށްވާތީ، އެ ޤާނޫނަށް މިހާރުން މިހާރަށް އިޞްލާޙު ގެނައުމުގެ ބަދަލުގައި ވިސްނާފައިވާނީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން އެކަށައަޅަންޖެހޭ ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް އެކަށައެޅުމަށެވެ. އެ ސިޔާސަތުތައް ވާނީ، 31 ޑިސެމްބަރު 2018 ގައި ކަނޑައަޅައި، ޢާންމުކޮށްފައެވެ.

                              

14 އޭޕްރީލް 2019