ނޫސްބަޔާން

އެޓަރނީ ޖެނެރަލްގެ އޮފީހަށް ކަނޑައެޅިފައިވާ 12 ވަޢުދުގެ ތެރެއިން 11 ވަޢުދު ފުރިހަމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް މާދަމާ 90 ދުވަސް ހަމަވާއިރު، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން އެޓަރނީ ޖެނެރަލްގެ އޮފީހުން ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާ 12 ވަޢުދުގެ ތެރެއިން 11 ވަޢުދެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

  • ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށުން. (ވަޢުދު ފުރިހަމަ ކުރުމަށް: 7 ދުވަސް)
  • ދިވެހި ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން. (ވަޢުދު ފުރިހަމަ ކުރުމަށް: 7 ދުވަސް)
  • ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަދަލުގެނައުން. (ވަޢުދު ފުރިހަމަ ކުރުމަށް: 30 ދުވަސް)
  • ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުން. (ވަޢުދު ފުރިހަމަ ކުރުމަށް: 30 ދުވަސް)
  • ޢަދުލުއިންސާފުގެ ނިޒާމު އިޞްލާޙުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުން. (ވަޢުދު ފުރިހަމަ ކުރުމަށް: 30 ދުވަސް)
  • ވިސްލްބްލޯރކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • ނުޙައްޤު މުއްސަނދިވުން ހުއްޓުވުމަށް ބިލެއް މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • ކުޑަކުދިންގެ ޢަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • ޖަމްޢިއްޔާތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ކަމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 60 ދުވަސް)
  • މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކުރަން މަޖިލީހަށް ހުށަހެޅުން. (ވަޢުދު ފުރިހަމަ ކުރުމަށް: 90 ދުވަސް)

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދިނުމަށް ކަނޑައަޅާފައިވާ ބައެއް ވަޢުދުތަކަކީ، ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަށް ނުވަތަ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ނުވަތަ އެނޫންވެސް ޢާންމު ދިރިއުޅުމުގައާއި ވިޔަފާރީގެ މައިދާނުގައި ހޯދައިދޭންޖެހޭ ލުއިތައް ހޯދުމަށްޓަކައި އަލަށް ތަޢާރުފުކުރަންޖެހޭ ބިލުތައް ތަޢާރުފުކުރުމަށާއި، ކަމާބެހޭގޮތުން ޢަމަލުކުރެވެމުންދާ ޤާނޫނުތައް އިޞްލާޙުކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެފައިވާ ވަޢުދުތަކެވެ. އެގޮތުން، ޖުމްލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮތްއިރު، އެ 21 ބިލު އެކުލަވާލައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައެވެ. އަދި އޭގެ ތެރެއިން ބައެއް ބިލު ފާސްވެ، މިހާރު ވަނީ ޤާނޫނަށްވެސް ވެފައެވެ.

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެފައިވާ ވަޢުދަށް ބަލާއިރު، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތައް އަދާކުރާ ފަރާތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރުއެޅުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނާއި، އޮޑިޓް ޤާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި 5 ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ވަނީ ފޮނުވާފައެވެ.

ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް، ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރުމުގެ ވަޢުދާ ގުޅިގެން އެ މަސައްކަތް ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެކުލަވާލި ކޮމިޓީން 11 ޤާނޫނެއް މުރާޖަޢާކޮށް، އޭގެ ތެރެއިން ހަތަރު ޤާނޫނަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް ވަނީ އެކުލަވާލާފައެވެ.

ޢަދުލު އިންޞާފުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނެ ކަމަށް ވަޢުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާތީ، އެ މަސައްކަތް ފެށުމުގެ ގޮތުން، ކަމާބެހޭ ޤާނޫނުތައް މުރާޖަޢާކުރުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެކުލަވާލި ކޮމިޓީން ވަނީ، މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި އެނޫންވެސް ޢަދުލު އިންޞާފުގެ ދާއިރާއާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، ކަމާބެހޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތްވެސް ފަށާފައެވެ.

މީގެ އިތުރުންވެސް، މުޅި ޝަރުޢީ ދާއިރާގެ އޮޑިޓް ހަދައި ޢަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ ކޯޓުތަކާއި އެހެނިހެން އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތް ނިމިގެންދާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު އިންތިޒާމްކުރެވިފައިވާ ގޮތުން ޢަދުލުއިންސާފު ޤާއިމްކުރުމަށް ދިމާވާ ގޮންޖެހުންތަކާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ވަކިކުރުމުގައި ހުރި ގޮންޖެހުންތަކާއި، ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރު ވަކި މިންގަނޑުތަކެއްގައި ހިފެހެއްޓުމާއި، ފަނޑިޔާރުން ޒިންމާދާރުކުރުވުމާއި، ކޯޓުތައް ތަރުތީބުކުރެވިފައިވާ ގޮތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑެމީ ފަދަ ޝަރުޢީދާއިރާގައި ހިމެނޭ އެކި އިދާރާތައް ތަރުތީބުކުރެވިފައިވާ ގޮތް ބަލައި، އޭގެ ސަބަބުން ޝަރުޢީ ނިޒާމު ހަރުދަނާގޮތެއްގައި ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ޙައްލުތައް ފާހަގަވެގެންދާނެއެވެ.

ކަމާބެހޭ ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ޤައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކުރުމުގެ މަސައްކަތްތައް ކުރަން އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެކުލަވާލި ކޮމިޓީން، މިހާތަނަށް 11 އެއްބަސްވުމެއް މުރާޖަޢާކޮށް ނިންމައި، އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ވަނީ ހަދާ ނިންމާފައެވެ. އަދި މީގެ އިތުރުން، ބޭރުގެ ފަރާތްތަކާއެކު އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް 6 އެއްބަސްވުމެއް މުރާޖަޢާކޮށް ނިންމައި، ކަމާބެހޭ ވުޒާރާތަކަށް ވަނީ ލަފާ އަރުވާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، ވަކިކަމެއް ކުރަން ފެށުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ފަށާފައިވާ މަސައްކަތްތައް މުޅިން ނިންމައި، ނަތީޖާ ނެރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރާނެއެވެ.

27 މާރިޗު 2019