ނޫސްބަޔާން

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ “ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންްޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް” އާގުޅޭ

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުޞޫލުތަކަކީ، ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގައި ކަނޑައެޅި، 2015 އިން ފެށިގެން ޢަމަލުކުރެވެމުންދާ އުޞޫލުތަކެކެވެ. އެގޮތުން، އެ ޤާނޫނުގައި، ތަޙްޤީޤަށް އެހީތެރިކަން ހޯދުމާއި، ޝަރުޢީ ލިޔުންތައް ހޯދައި ރައްދުކުުރުމާއި، މުދަލުން މުޢާމަލާތްކުުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ، މި ޤާނޫނުގެ ދަށުން ޤައުމުތަކުން ދިވެހިރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އެހީއަށް އެދި ބޭރު ޤައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ލިބިދީފައިވާކަން ފާހަގަކުރަމެވެ.

ހަމައެއާއެކު، ޤާނޫނުގެ ދަށުން އެހީ ފޯރުކޮށްނުދެވޭނެ ޙާލަތްތައް ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރެވޭ މުޢާހަދާއަށް ޢަމަލުކުރެވޭނީ، އިސްވެ ދެންނެވުނު ޤާނޫނާއި ކަމާގުޅޭގޮތުން ދިވެހިރާއްޖެއިން އެކުލަވާލާފައިވާ އެންމެހާ ޤާނޫނާއި ގަވާއިދުތަކުގެ ތަރަހައާއި ޙުދޫދުގެ ތެރެއިން ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން، ޙުކުމް ތަންފީޛުކުރުމަށްޓަކައި ނުވަތަ ޝަރީޢަތް ހިންގުމަށްޓަކައި ނުވަތަ ޝަރީޢަތް ހިންގުމަށްފަހު ޙުކުމް އިއްވުމަށްޓަކައި އެއް ޤައުމުން އަނެއް ޤައުމަށް މީހުން ބަދަލުކުރުމަކީ، މި މުޢާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިނުވާއިރު، މި މުޢާހަދާގެ ދަށުން ޝަރީޢަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ޤައުމަކަށް ގެންދެވޭނީ، ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، އެ ދިވެހި ރައްޔިތެއްގެ ރައްކާތެރިކަމާގުޅޭގޮތުން ޚާއްޞަ ގެރެންޓީތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދިނުމަށްފަހުގައިކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުޢާހަދާގެ މަޤްޞަދަކީ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެ ޤައުމުގެ ދެމެދުގައި ފަހިކުރުމެވެ. ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި، ޖިނާއީ މައްސަލަތަކުގައި ދެ ޤައުމުގެ މުއައްްސަސާތަކުން ބޭނުންވާ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ފަހި އުޞޫލުތަކެއް ޤާއިމްކުރުމެެވެ. އިންޑިއާގެ އިތުރުން، ސްރީލަންކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާފަދަ ޤައުމުތަކާއެކުވެސް މިފަދަ މުޢާހަދާތަކުގައި ސޮއިކުރުމަށްޓަކައި، އެ ޤައުމުތަކުން ހުށަހަޅައިގެން އެ ޤައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާއިރު، ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ މިފަދަ މުޢާހަދާތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ތަޙުޤީޤުތަކަށް އެހީތެރިކަން ލިބި އެ މަސައްކަތް ހަރުދަނާވާނެ ޖިނާއީ މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ފާހަގަކުރަމެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި މުޢާހަދާގެ ސަަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

                                  

8 ޖުލައި 2019