ނޫސް ބަޔާން

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިޙާދު ދައުލަތުން ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، ބަދަލު ހޯދަން ދަޢުވާ ކުރުން

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިޙާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދިނެވެ. ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުންނެވެ. އޭނާ އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައެވެ.

ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިޙާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދަޢުވާ ހުށަހަޅާފައެވެ.

                                 

26 ފެބްރުވަރީ 2020