ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމުގެ ކަންކަން ކުރުމާގުޅޭގޮތުން އެކުލަވައިލާފައިވާ ޕޮލިސީ ލެވެލް ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޤާނޫނު ނަންބަރު 18/2018 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ، 27 އޮގަސްޓް 2020 ގައި އޮންލައިންކޮށް ބާއްވައިފިއެވެ.

ޕޮލިސީ ލެވެލް ސްޓިއަރިންގ ކޮމިޓީގެ މި ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ އަލްއުސްތާޛާ ޙިސާން ޙުސައިން އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ފާޠިމަތު އަފްޝަން ލަޠީފް އާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤުގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، 9 އޮގަސްޓް 2020 ގައި ބޭއްވުނު ޕޮލިސީ ލެވެލް ބައްދަލުވުމުގައި އެކުލަވާލެވުނު ވަރކިންގ ގްރޫޕުން ކުރަން އެކަށައަޅާފައިވާ ކަންކަމުގެ ތެރެއިން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެ ކަންކަން ތަންފީޛުކުރުމަށްޓަކައި ބޭނުންވާ ވަޞީލަތްތަކާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެދާނެކަމަށް ކަމާބެހޭ މުއައްސަސާތަކަށް ފާހަގަކުރެވޭ ގޮންޖެހުންތަކާއި ޙައްލުތައް ދެނެގަތުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާގުޅޭގޮތުން ސްޓިއަރިންގ ކޮމިޓީއާ މަޢުލޫމާތު ޙިއްސާކުރެވުނެވެ.

އެގޮތުން، މި ދެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި މަލްޓި-ސްޓޭކް ހޯލްޑަރ އެޕްރޯޗްއެއްގެ މުހިންމުކަމާއި، ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މިވަގުތަށް ތަންފީޛުކުރަންޖެހޭ ކަންކަން ތަރުތީބުކުރުމަށާއި، އެކަންކަމަށް ބޭނުންވާ ވަޞީލަތްތައް ދެނެގަތުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެވުނެވެ. ހަމައެހެންމެ، ވަރކިންގ ގްރޫޕްގެ ކުރިއަށްހުރި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާގުޅޭގޮތުން ސްޓިއަރިންގ ކޮމިޓީގެ މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.