ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމާގުޅޭ ގޮތުން އިދާރާތަކާއެކު، ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި

 

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު، 9 އޮގަސްޓު 2020 ގައި އޮންލައިންކޮށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެވި، މި މަސައްކަތް ކުރުމަށްޓަކައި ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލެވިފައިވެއެވެ. އަދި މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމިފައިވެއެވެ. ދެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 20 ނޮވެންބަރު 2019 ގައި ތަޞްދީޤުކޮށްފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް 20 ފެބުރުވަރީ 2020 އިން ފެށިގެން ދަނީ ޢަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަންފަށާނީ 20 ނޮވެންބަރު 2020 ގައެވެ.