ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ކަންތައްތައް ތިރީގައި އެވަނީއެވެ. އެ ހުށަހެޅުންތައް ގެނެސްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާ ގުޅޭ ގޮތުން ލިބިފައިވާ ޚިޔާލުތަކުގެ އަލީގައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މައިގަނޑު ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭ:

    • ހަމައެކަނި ކޮމިޝަންޑް އަދި ނަން-ކޮމިޝަންޑް އޮފިސަރުން ހިމެނޭ ގޮތަށް ފުލުހުންގެ ރޭންކުތައް ބަދަލުކޮށް، މި ބަދަލާއެކު ކޮންސްޓަބަލުން ހިމެނޭނީ ނަން-ކޮމިޝަންޑް އޮފިސަރުންގެ ދަރަޖައިގައި ކަމުގައި ކަނޑައެޅުމާއެކު، ކޯޕްރަލްގެ ރޭންކް އުވާލައި، ފުލުހުންގެ ރޭންކުތައް ތަރުތީބުކުރެވިގެންވާ ގޮތަށް ބަދަލުގެނައުން؛

    • ފުލުހުންނަށް ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ޙަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، ޖިނާއީ ތަޙްޤީޤެއް ހިންގުމުގައި، ދިވެހިރާއްޖެއިން ބޭރުގައިވެސް ފުލުހުންނަށް ޙަރަކާތްތެރިވެވޭނެ ޙާލަތްތައް ބަޔާންކުރުން؛

    • ފުލުހުންގެ ވަޒީފާއިން ވަކިވެ، ވަޒީފާއަށް ވަނުމާ ދެމެދު މީލާދީ 5 އަހަރު ފާއިތުވެފައިނުވާނަމަ، އެފަދަ ފަރާތްތަކުން ފުލުހުންގެ އަސާސީ ތަމްރީނުތައް ފުރިހަމަކުރަން ނުޖެހޭގޮތަށް، އެހެންނަމަވެސް، ޤާނޫނު ލާޒިމުކުރާ ފުލުހުންގެ ހުވާކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ފުލުހުންގެ ޚިދުމަތުން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ވަނުމަށް އެދޭ ފުލުހުންނާމެދު ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛

    • ވާޖިބުގައި ނިޔާވާ ފުލުހުންނަށް ޢިނާޔަތުގެ ގޮތުގައި ދެވޭނީ ނިޔާވި ދުވަހު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތް އެއްކޮށްލުމުން ޖެހޭ ޖުމްލަ ފައިސާގެ ޢަދަދުގެ %140 އާ އެއްވަރުގެ ޢަދަދެއް ކަމުގައި ކަނޑައެޅުމާއެކު، ވާޖިބުގައި ނިޔާވާ ފުލުހުންގެ ޢާއިލާއަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި ނިޔާވާ ރެކްރޫޓުންނަށްވެސް ލިބިދޭ ގޮތަށް ބަދަލުކުރުމާއި، ވާޖިބުގައި އަނިޔާވާ ފުލުހުންނަށް ދެވޭ ޢިނާޔަތްތައް، ވާޖިބުގައި އަނިޔާވާ ރެކްރޫޓުންނަށްވެސް ލިބިދޭ ގޮތަށް ހަމަޖެއްސުން؛

    • ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހިނގަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިންކަން ކަށަވަރުކުރެވޭނެ އެކްސްޓަރނަލް ރިވިއު މެކޭނިޒަމެއް ތަޢާރުފުކުރުމުގެ ގޮތުން، ޕޮލިސް ބޯޑެއް އުފައްދައި، އެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތު ބަޔާންކޮށް، އެ ބޯޑު އެކުލެވިގެންވާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުންތަކެއްގެ މައްޗަށް ކަމުގައި ބަޔާންކުރާ މާއްދާތަކެއް ހިމެނޭ ގޮތުން އާ ބާބެއް އިތުރުކުރުން؛

    • ކޮމިޝަނަރ އޮފް ފޮލިސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ މަރުޙަލާތަކުގައި ލަފާދޭނީ، މި ޤާނޫނުން އުފައްދާ ޕޮލިސް ބޯޑުން ކަމަށް ކަނޑައެޅުމާއެކު، ކޮމިޝަނަރު ޢައްޔަންކުރުމުގެ އިޖުރާއަތު އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

    • ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލާނީ މިނިސްޓަރު ކަމާއި، މަޤާމު ހުސްވުމުގެ 3 މަސް ކުރިން އެ ފުރުޞަތު ހުޅުވާލަންވާނެ ކަމަށް ކަނޑައެޅުން.

    • ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަރވިއުކުރާ ގޮތަށް ހަމަޖެއްސުން.

    • ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކުލަވާލާ ރިޕޯޓުގައި ވާ ކަންކަމަށް ރިޢާޔަތްކޮށް، ޕޮލިސް ބޯޑުން ރިޕޯޓެއް އެކުލަވާލައި މިނިސްޓަރަށް ހުށަހަޅާ ގޮތަށް ހަމަޖެއްސުން.

    • ފުލުހުންނަށް އެއްވެސް މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކުގައި، އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކުރުން؛

    • މިނިސްޓަރަށް ވަކިވަކި ފުލުހުންނާ ސުވާލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް އިސްތިސްނާއެއް ގެނެސް، ފުލުހުންގެ ޚިދުމަތުގެ ކަންކަން ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކާ ސުވާލުކުރުމުގެ ބާރު، މިނިސްޓަރަށް ލިބިދެވޭނެ ކަމަށް ބަޔާންކުރުން؛

    • ފުލުހުންގެ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި 241 ކޮމިޓީއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް، ފުލުހުން ޒިންމާދާރުކުރުވުމަށް އަލަށް ތަޢާރުފުކުރާ ޕޮލިސް ބޯޑުގެ މެންޑޭޓަށް ބައެއް ކަންކަން ބަދަލުކުރުމާއެކު، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާއި ކޮމިޝަނަރާ ސުވާލުކޮށް، ކޮމިޓީން އިޞްލާޙުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ލާޒިމުކޮށް، ކޮމިޓީން ހުށަހަޅާ ގޮތަށް އިޞްލާޙުކުރެވެން ނެތް ކަންކަން، ސަބަބު ބަޔާންކޮށް އެންގުމަށް ކަނޑައަޅައި، ކަމާބެހޭ ބާބު އިޞްލާޙުކުރުން؛
  • ފުލުހުންނަށް ތައުދީބީ ފިޔަވަޅު އެޅުމަށް އެކުލަވާ ޑިސިޕްލިނަރީ ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއެކު، ޑިސިޕްލިނަރީ ކުށްތަކާއި، އެފަދަ ކުށާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ، ޑިސިޕްލިނަރީ މައްސަލަތައް ބެލުމާގުޅޭ އިޖުރާއަތު މިހާރު ޢަމަލުކުރަމުން އަންނަ ކަމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ވީވަރަކުން އެއްގޮތްކޮށް ތަފްޞީލުކުރުމަށްޓަކައި ކަމާބެހޭ ބާބު އިޞްލާޙުކުރުން.