ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވައިފި

 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (ޤާނޫނުއަސާސީގެ 241 މާއްދާގައި ބަޔާންކުރާ ކޮމެޓީ)އިން އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިއަދު ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢުލޫމާތު އަރުވައިފިއެވެ.

މިއަދު ބޭއްވެވި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ، ބިލާ ގުޅޭގޮތުން ހުށަހެޅިފައިވާ ޚިޔާލުތަކުގެ އަލީގައި، އަދި ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި ބިލަށް ގެންނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ކަންކަމުގެ މައްޗަށެވެ.

ސަރުކާރުގެ ފަރާތުން 5 ފެބްރުއަރީ 2020 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ އަދި އެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރުފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ފުލުހުންނަށް ލިބިދެވޭ ބާރާއި އިޚްތިޔާރުތަކާއި، އެ ބާރާއި އިޚްތިޔާރު ބޭނުންކުރެވޭނެ ދާއިރާއާއި، ފުލުހުން ޒިންމާދާރުކުރުވައި، ޖަވާބުދާރީކުރުވުމާގުޅޭ އިޖުރާއަތުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމަށްޓަކައެވެ.