ޚަބަރު

ތިން މުއާޙަދާއަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް އެޓަރނީ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު އަރުވައިފި

ތިން މުއާޙަދާއަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެޓަރނީ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު އަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެޓަރނީ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު އަރުވާފައިވާ ތިން މުއާޙަދާއަކީ “ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް” އާއި “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް”ގެ އިތުރުން “އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސްއަޕިއަރެންސް”އެވެ.

މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީނިއަރ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ ފައެނާ ފައްޔާޟު އާއި، ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ މަރްޔަމް ޝާނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި، އިސްވެ ދެންނެވި ތިން ބައިނަލްއަޤްވާމީ މުއާޙަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، ރައްޔިތުން އުފުލަންޖެހޭނެ އިލްތިޒާމްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެވުނެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އޮފިޝަލުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.