ނޫސްބަޔާން

ލަކީ އެކްސްޕޯޓްއިން ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއު ދެއްލީ ހައިކޯޓަށް ވަގުތީ އަމުރެއް ހޯދުމަށް ހުށަހެޅުމާއި އެ ކުންފުނީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހެޅުމާ ގުޅޭ

ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށް އެމް/ އެސް ލަކީ އެކްސްޕޯޓްސް – ޓްރިވެނި ޖޮއިންޓް ވެންޗަރ (ލަކީ އެކްސްޕޯޓްސް) އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ސަރުކާރު) އާ ދެމެދު 18 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމާ ލަކީ އެކްސްޕޯޓްސް އިން ޚިލާފުވުމުން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުން ވަނީ ބާޠިލްކޮށްފައެވެ. ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 USD (ހަތަރުލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސާސް އެކެއް އެމެރިކާ ޑޮލަރު) ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުން، އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ދެއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލާގައި، 29 ޖަނަވަރީ 2020ގައި ނިއު ދެއްލީގެ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރުނެރެފައެވެ.

އިސްވެ ދެންނެވުނު ވަގުތީ އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ނިއު ދެއްލީގެ ހައިކޯޓުން ފުރުޞަތު ދެއްވާފައިވާތީ، އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު 14 އޮގަސްޓް 2020ގައި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށް ލަކީ އެކްސްޕޯޓްސް އާއި ދިވެހި ސަރުކާރާ ދެމެދު 18 ޖޫން 2017ގައި ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާޠިލުކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ 13 މާރޗް 2020 ގައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފައެވެ.

ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން ވަނީ އެދިފައެވެ. އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުޞަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

                       

17 އޮގަސްޓް 2020