ނޫސްބަޔާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކޮށްފައިވާއިރު، އޭގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 24 ބިލަކާއި އެކި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ 32 ބިލެއްވެސް ހިމެނެއެވެ. އެ ބިލުތަކުގެ ތެރެއިން 10 ބިލެއް މިހާރު ވަނީ އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ. އެއީ:

  • ނަފްސާނީ ޞިއްޙަތުގެ ބިލު
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާބެހޭ ބިލު
  • ތަފާސްހިސާބުގެ ބިލު

އަދި ހަމައެހެންމެ، އެ ބިލުތަކުގެ ތެރެއިން، ނަފްސާނީ ޞިއްޙަތުގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތައް

                           

11 ފެބުރުއަރީ 2020