ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ‘ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ’ގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ މައުލޫމާތު ދެއްވައިފިއެވެ.

އެ ބައްދަލުވުމުގެ ބޭނުމަކީ އެ ބިލާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދާއި އިޞްލާޙުކުރަން ހުށަހަޅާ ކަންކަމާމެދު މަޝްވަރާކުރުމެވެ. ‘ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ’ ގެ ބިލަކީ ޢާންމު ޚިދުމަތުގެ ބޭނުންތައްކަމަށް ކަނޑައަޅާފައިވާ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމްކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިޔަތުތަކާއި ބާރުތައް ބަޔާންކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބިލެކެވެ.

މިއަދު ބޭއްވުނު މަޝްވަރާގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ޢައިޝަތު މުޙައްމަދުއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުގެ އިތުރުން ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ބައިވެރިވެވަޑައިގެން އެ ބިލާމެދު ޚިޔާލުފާޅުކުރެއްވިއެވެ.